ޚަބަރު

އަސްކަރީ ވައިގެ ބަނދަރުތަކަށް ހަމަލާދިނީ ޔޫކްރެއިނުން: ރަޝިޔާ


ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކަށް ދީފައިވާ ޑްރޯން ހަމަލާތަކުގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމުގައި ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ. ޑްރޯން ހަމަލާތައް އަމާޒުކޮށްފައި ވަނީ ސަރަޓޯފް އަދި ރްޔަޒަން ސަރަޙައްދުގައި އޮންނަ އަސްކަރީ ވައިގެ ބަނދަރުތަކަށެވެ.

މި ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ ތިން މީހުން މަރުވި ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، ޑްޔަގިލޭވޯއާއި އެންޖެލްސް ވައިގެ ބަނދަރަށް ހަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކޮށްފައި ވަނީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ޑްރޯންތަކެއް ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.

ރަޝިޔާގެ ވައިގެ ބަނދަރުތަކަށް ހަމަލާދިނުމުގެ ބޭނުމަކީ، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ނައްތައިލައި، ވައިގެ މަގުން ޔޫކްރެއިނުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުން ކަމުގައި ރަޝިޔާއިން ޤަބޫލު ކުރެއެވެ. އަދި، ވައިގެ ބަނދަރުތަކަށް ހަމަލާދިނުމަށް ބޭނުންކުރި ޑްރޯންތައް ވައްޓައިލާފައިވާ ކަމަށާއި، ނަމަވެސް ވައިގެ ބަނދަރަށް ޑްރޯންތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މި ހާދިސާގައި ރަޝިޔާ ސިފައިންގެ ހަތަރު މީހަކު ވަނީ ޒަޚަމުވެފައެވެ. އަދި، ދެ އަސްކަރީ މަތިންދާބޯޓަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާގެ މަޢުލޫމާތު ރައީސް ވްލަޑިމިޔަރ ޕުޓިންއާ ހިއްސާކޮށްފައިވާ ކަމުގައި ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އަދި، ހަނގުރާމައިގެ ތެރެއިން ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ވަނީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް، ޔޫކްރެއިން ސިފައިން މިހާރު ވަނީ އެ ޤައުމުގެ ދެކުނުގައިވާ ޚާރްސަން މިނިވަން ކޮށްފައެވެ. ޚާރްސަންގެ ދެކުނުން އޮންނަނީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާއެވެ.

ކްރައިމިޔާގައި ރަޝިޔާގެ އަސްކަރިއްޔާއިން ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ވެސް ދާދިފަހުން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. އަދި، ކްރައިމިޔާއާއި ރަޝިޔާ ގުޅައިދޭ މައި ބްރިޖުގައި ބާރުގަދަ ބޮމެއް ގޮއްވައިލައިގެން އެ ތަނަށް ވެސް ދާދި ފަހުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާތަކުގެ ފަހަތުގައި ވެސް ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސް ސިފައިން ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ.