ދުނިޔޭގެ ވިޔަފާރި

އެޕަލް އާއި އެމެޒޯން އިން ޓްވިޓަރގައި އިޝްތިހާރު ކުރަން ފަށަނީ

އެމެޒޯން ޑޮޓްކޮމް އިންކް އާއި އެޕަލް އިންކް އިން ޓްވިޓާގައި އިޝްތިހާރުކުރަން އަލުން ފެށުމަށް ރާވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިކުންފުނިތަކުން މިގޮތަށް ރާވަމުން ދަނީ ޓުވިޓަރގެ މިހާރުގެ ވެރިޔާ އީލޯން މަސްކު ކުންފުންޏާއި ހަވާލުމުން، ގިނަ ވިޔަފާރިތަކުން ޓުވިޓަރގައި އިޝްތިހާރުކުރުން ހުއްޓާލާފައިވާތީ އިޝްތިހާރު ކުރާ ފަރާތްތަކަށް އެޑްވަޓައިޒިންގް އިންސެންޓިވް ދޭނެ ކަމަށް ބުނެ ބުރާސްފަތި ދުވަހު ޓްވިޓަރގައި އިޝްތިހާރު ކުރާ ފަރާތްތަކަށް ފޮނުވި އީމެއިލްއަކާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެމެޒޯނުން ޓްވިޓާގައި އިޝްތިހާރުކުރުން އަލުން ފެށުމަށް ރާވާފައިވަނީ އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރަށް ކަމަށާއި، އެ ކުންފުނީގެ އިޝްތިހާރު ޕްލެޓްފޯމަށް ސެކިއުރިޓީގެ ބައެއް ޓްވީކްތައް ގެނައުމަށް އިންތިޒާރު ކުރަމުންދާ ކަމަށް ރިޕޯޓަރަކުވަނީ ބުނެފައެވެ. ނަމަވެސް މިމައްސަލައާއި ގުޅުންހުރި ފަރާތަކުން ރޮއިޓާސް ނޫހަށް ބުނިގޮތުގައި އެމެޒޯން އިން ދުވަހަކު ވެސް ޓްވިޓަރގައި އިޝްތިހާރު ކުރުން ހުއްޓާލާފައެއްނުވެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މީގެކުރިން މަސްކު ދެއްކި ވާހަކައެއްގައި އެޕަލް އަކީ ޓްވިޓަރގެ އެންމެ ބޮޑު އިޝްތިހާރު ކުރާ ކުންފުނި ކަމަށް ބުނެފައިވާކަމަށާއި އެ ޕްލެޓްފޯމްގައި އިޝްތިހާރު ކުރަން އެޕަލް އިން އަލުން ފަށާފައިވާ ކަމަށްވެސް މަސްކް ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މަސްކު ޓްވިޓަރ އާއި ހަވާލުވުމަށްފަހު ކުންފުންޏަށް ގެންނަ ބަދަލުތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ވަކިކުރި ގިނަ މުވައްޒަފުންނަކީ އިޝްތިހާރުތަކާއި ގުޅުންހުރި މުވައްޒަފުން ކަމަށާއި މިކަމުގެ ސަބަބުން ޓުވިޓަރގެ އިޝްތިހާރުތައް ބޮޑުތަނުން މަދުވި ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ.

ޓުވިޓަރގައި އިޝްތިހާރުކުރުން އެޕަލް އިން ގާތްގަޑަކަށް ހުއްޓާލާފައިވާ ކަމަށްވެސް މިދިޔަ ނޮވެމްބަރުމަސް ނިމެން އުޅެނިކޮށް މަސްކު ވަނީ ބުނެފައެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން އެޕަލްއިން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

މެޝަމެންޓް ކުންފުންޏެއް ކަމަށްވާ ޕެތަމެޓިކްސް އިން ބުނާގޮތުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނި ކަމުގައިވާ އެޕަލް އިން މަސްކު ޓުވިޓަރ އާއި ހަވާލުވުމުގެ ހަފްތާއެއް ކުރިން މިދިޔަ ނޮވެމްބަރު މަހުގެ 10 އާއި 16 އާއި ދެމެދު ޓުވިޓަރ ގައި އިޝްތިހާރު ކުރުމަށް 131600 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ އޭގެކުރިން މިދިޔަ އޮކްޓޫބަރު މަހުގެ 16 ން 22އަށް އިޝްތިހާރަށް ހޭދަކޮށްފައިވާ 220800 އެމެރިކާ ޑޮލަރަށްވުރެ މަދު އަދަދެކެވެ.

ޓުވިޓަރގެ އާމްދަނީގެ ގާތްގަޑަކަށް %90 ލިބެނީ އިޝްތިހާރުން ކަމަށްވާއިރު، ޓުވިޓަރގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މިދިޔަ މަހު ކުރީކޮޅު މަސްކު ވަނީ ބުނެފައެވެ.

ޓުވިޓަރގައި އިޝްތިހާރުކުރުން ހުއްޓާލި ކުންފުނި ތަކުގެ ތެރޭގައި ޖެނެރަލް މިލްސް އިންކް އަދި އެންމެ ޒަމާނީ އޮޓޯ ވެހިކަލް އުފައްދާ އެމެރިކާގެ ކުންފުނި އައުޑީ ހިމެނެއެވެ.