ޚަބަރު

އިމާރާތްކުރުމުގެ ސިނާއަތުގެ އެންމެ ބޮޑު ފެއަރގައި އެސްޓީއޯއިން ބައިވެރިވެއްޖެ

އިމާރާތްކުރުމުގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބައިވެރިވެއްޖެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން މި ފެއަރގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށެވެ.

އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއަރގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލެވޭނެއެވެ.

މިމަހުގެ 5 ން 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ކުރިޔަށްދާ މި ފެއަރގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ. އަދި 150 އަށްވުރެ ގިނަ ގައުމުން މި ފެއަރގައި ބައިވެރިވެއެވެ.