ޚަބަރު

ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމާ ދެކޮޅަށް އެމެރިކާގެ ވަރުގަދަ އިންޒާރެއް


ފަލަސްޠީނުގެ އިތުރު ބިންތައް ހިފައި، އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް އިސްރާޢީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހަދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ. އިސްރާޢީލުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ އަލުން ހަވާލުވި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް އަމާޒު ކުރައްވާ މި އިންޒާރު ދެއްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއެވެ.

އިސްރާޢީލުގައި ދާދިފަހުން ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރީ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕާޓީންނެވެ. އޭނާގެ ކޯލިޝަން ސަރުކާރުގެ އެއްބައި ހިއްސާ ކުރަނީ ޒަޔަނިސްޓުންގެ ޕާޓީތަކުންނެވެ. ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ބާރުތައް ނަތަންޔާހޫ ވަނީ އެ ޕާޓީތަކަށް ދެއްވާފައެވެ.

މި ކަމާ ގުޅޭ ގޮތުން ބްލިންކަން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރެވޭނެ ކަމަށް އޮތް އުންމީދު ކިތަންމެ ކުޑަ ނަމަވެސް، އެ އުންމީދު ހާސިލު ކުރަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައެވެ. އަދި، އިސްރާޢީލާއި ފަލަސްޠީނުގެ ދެ ދައުލަތް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ހުރިހާ ކަމަކާ އެމެރިކާއިން ދެކޮޅު ހަދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން ވެސް، ފަލަސްޠީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމާއި، އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވުމަކީ އެމެރިކާއިން ދެކޮޅު ހަދާނެ ކަންކަން ކަމުގައި ބްލިންކަން ވިދާޅުވިއެވެ. އަދި، ދީނީ ގޮތުން މުޤައްދަސް ތަންތަނުގެ ރައްކާތެރިކަމާއި، ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުން ނެރެ، ގެދޮރަށް ގެއްލުން ދިނުމުގެ އިތުރުން ހަމަނުޖެހުން އުފެއްދުމަކީ ވެސް އެމެރިކާއިން ދެކޮޅު ކަންކަން ކަމުގައި ބްލިންކަން ވިދާޅުވިއެވެ.

އަދި، ނަތަންޔާހޫގެ ސަރުކާރުގެ އަމަލުތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. މީގެ އިތުރުން، އިސްރާޢީލުގެ ރައްޔިތުންނާ މެދު ހަމަހަމަކަމާ އެކު އަމަލުތައް ބެހެއްޓުމަށް ވެސް ބްލިންކަން ވަނީ ނަތަންޔާހޫގެ ސަރުކާރަށް ގޮވައިލައްވާފައެވެ.

ނަތަންޔާހޫގެ ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ "ރިލިޖަސް ޒަޔަނިޒަމް" ޕާޓީގެ އިސްވެރިޔަކީ އިތަމާރް ބެން-ގްވީރެވެ. އޭނާއަކީ، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެކަކެވެ. 1994ވަނަ އަހަރު ޚަލީލްގައި ހުންނަ މިސްކިތަކަށް ހަމަލާދީ ފަލަސްޠީނުގެ 29 މީހުން ޝަހީދުކޮށްލި ހަމަލާގެ ފަހަތުގައި ހުރީ ބެން-ގްވީރެވެ.