ޚަބަރު

އުތުރު ކޮރެޔާއިން އާޓިލަރީ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި


އުތުރު ކޮރެޔާއިން އެ ޤައުމުގެ އިރާއި ހުޅަނގުގައިވާ ކަނޑުގެ ސަރަޙައްދަށް އަމާޒުކޮށް އާޓިލަރީ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ކަނޑުގެ ސަރަޙައްދަށް އަމާޒުކޮށް އުތުރު ކޮރެޔާއިން މިސައިލް ހަމަލާތަކެއް ދީފައި މިވަނީ ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފެށުމާ ގުޅުގެން، އެ ކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އުތުރު ކޮރެޔާގެ އާޓިލަރީ ބަޑީގެ ބައެއް ހަމަލާތައް ވެއްޓިފައި ވަނީ ދެ ކޮރެޔާ ގުޅޭ "ބަފަރ ޒޯން"ގެ ގޮތުގައި ބަލާ ސަރަޙައްދަށެވެ. މިއީ، ދެ ކޮރެޔާގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް 2018ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމާ ޚިލާފަށް އުތުރު ކޮރެޔާއިން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ދެކުނު ކޮރެޔާއިން ސިފަ ކުރެއެވެ.

އުތުރު ކޮރެޔާއިން ބުނީ، އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައި ވަނީ، ދެކުނު ކޮރެޔާއިން މިސައިލްތަކެއް އުދުއްސައިލުމާ ގުޅިގެން ކަމުގައެވެ. އަދި، މި ފަދަ އަމަލުތައް ވަގުތުން ހުއްޓައިލުމަށް ވެސް އުތުރު ކޮރެޔާއިން ވަނީ ދެކުނަށް ގޮވައިލާފައެވެ. އަދި، މި ފަދަ އަމަލުތައް ކުރިއަށް ގެންދާނަމަ، އެ ކަމުގައި ރައްދުގައި އުތުރު ކޮރެޔާއިން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެ ޤައުމުން ވަނީ ދީފައެވެ.

ދެ ކޮރެޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން މިހާރު ދަނީ އަސްކަރީ ތަމްރީނުތަކެއް ހިންގަމުންނެވެ. މި އަހަރުގެ ތެރޭގައި ދެ ޤައުމުން ގުޅިގެން މިފަދަ ގިނަ ތަމްރީނުތަކެއް ހިންގާފައިވެއެވެ. މިއީ، އުތުރު ކޮރެޔާގެ އަސްކަރިއްޔާގެ ނުރައްކާތެރިކަން އިތުރުވެފައިވާތީ ހިންގާ ތަމްރީނުތަކެއް ކަމުގައި ދެ ޤައުމުން ބުނެއެވެ.

މި ފަދަ ތަމްރީނުތަކާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން އުތުރު ކޮރެޔާއިން ވެސް މި އަހަރު ތެރޭގައި މި ވަނީ ރެކޯޑު އަދަދަކަށް މިސައިލް ޓެސްޓު ހަދާފައެވެ. ޓެސްޓު ހަދާފައިވާ މިސައިލްތަކުގެ ތެރޭގައި އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ނުވަތަ އައި.ސީ.ބީ.އެމް.އެއް ވެސް ހިމެނެއެވެ. މިއީ، 2017ވަނަ އަހަރަށް ފަހު އުތުރު ކޮރެޔާއިން އައި.ސީ.ބީ.އެމް.އެއް ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ.