ޚަބަރު

ކޮލަމްބިޔާގައި ބިންގަނޑު ކަނޑައިގެން ގޮސް ތިން މީހުން މަރުވެއްޖެ


ކޮލަމްބިޔާގެ ހުޅަނގުއުތުރު ސަރަޙައްދެއްގެ ބިންގަނޑު ކަނޑައިގެން ގޮސް ތިން މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ޕުއެބްލޯ ރީކޯ ކިޔާ ރަށެއްގައެވެ. ބިންގަނޑު ކަނޑައިގެން ގޮސް އެ ރަށުގެ މަގެއްގެ މައްޗަށް ކިސަޑު ފައިބާ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާގައި 20 މީހަކު ކިސަޑުތަކުގެ ދަށުވެފައިވާ ކަމުގައި ކޮލަމްބިޔާގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މަގުގައި ސައިކަލަކާއި ބަހެއް ދުއްވާފައި ދިޔަ ވަގުތެވެ. މި ހާދިސާގައި ކިސަޑުތަކުގެ ދަށުވި ނުވަ މީހަކު ވަނީ ސަލާމަކޮށްފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ހިމެނޭ ކަމުގައި އޮފިޝަލުން ބުނެއެވެ.

"މި ހާދިސާގައި ތިން މީހުން މަރުވި. އަދި، ކިސަޑުތަކުގެ ދަށުން މިހާތަނަށް ނުވަ މީހަކު ވަނީ ސަލާމަތް ކޮށްފައި. ނަމަވެސް، އިތުރު 20 މީހަކު އަދިވެސް ނުފެނޭ. މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް،" ކޮލަމްބިޔާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވިއެވެ.

މަގަށް ކިސަޑު ފައިބަން ފެށުމާއެކު ބަސް ދުއްވަން އިން ޑްރައިވަރު އެއިން ސަލާމަތްވާން މަސައްކަތް ކުރި ކަމުގައި މި ހާދިސާ ހިނގި ވަގުތު ބަހުގައި އިން ފަސިންޖަރަކު ބުންޏެވެ. މި ހާދިސާ ހިނގި ވަގުތު ބަހުގައި 25 ފަސިންޖަރުން ތިބި ކަމުގައި ކޮލަމްބިޔާގެ އޮފިޝަލުން ހާމަކުރެއެވެ.

އެހެން އަހަރުތަކުގެ ވިއްސާރަ މޫސުމާ އަޅައިބަލާއިރު މި އަހަރު ކޮލަމްބިޔާގެ ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ބޯކޮށް ވާރޭވެހުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު ވަނީ 270އަށް އަރާފައެވެ.