ޚަބަރު

އިސްކިޔާގެ ބިންގަނޑު ކަނޑައިގެން ދިޔައީ ޤަވާޢިދާ ޚިލާފަށް އިމާރާތްކުރާތީ


އިޓަލީ ވިލާތުގެ ރަށެއް ކަމުގައިވާ އިސްކިޔާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވަނީ އެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ޢިމާރާތް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމުގެ ސަބަބުން ކަމަށް ތަހުޤީޤަށް ހާމަވެއްޖެއެވެ. އިސްކިޔާގެ ކަސަމިޗިޔޯލާ ތޭރްމޭ ކިޔާ ކުޑަ ރަށެއްގައި ހިނގި މި ހާދިސާގައި 11 މީހުން މަރުވިއެވެ. ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

މި ހާދިސާގައި ކަސަމިޗިޔޯލާ ތޭރްމޭގެ ޢާންމުން ދިރިއުޅޭ ގިނަ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، ބިންގަނޑާއެކު ދަމައިގަނެ ގިނަ އަދަދެއްގެ އެއްގަމު އުޅަނދުފަހަރު ކަނޑަށް ވެއްޓުނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީޤު ކޮށްފައި ވަނީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ޑަބްލިޔު.ޑަބްލިޔު.އެފް. އިޓާލިޔާއެވެ.

ޑަބްލިޔު.ޑަބްލިޔު.އެފް. އިޓާލިޔާއިން ބުނީ، ކަސަމިޗިޔޯލާ ތޭރްމޭގައި ކުރިއަށްދާ ޢިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކަކީ ޤަވާޢިދާ ޚިލާފަށް ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމުގައެވެ. އަދި، އެ ސަރަޙައްދުގައިވާ ޖަންގަލިތަކުން ގަސް ކެނޑުން ޢާންމުވެ، ޖަންގަލިތައް ނެތިގޮސްފައިވާއިރު، އެ ސަރަޙައްދުގެ ފަސްގަނޑު މަޑުވުމުގެ ސަބަބުން ފެން ހިނދުމަށް ހުރަސްއެޅިފައިވާ ކަމުގައި އެ ޖަމުޢިއްޔާގެ މާހިރުން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ކަސަމިޗިޔޯލާ ތޭރްމޭގައި މި ފަދަ ހާދިސާތައް ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް އެ ޖަމުޢިއްޔާގެ މާހިރުން އިންޒާރު ކުރެއެވެ. ޤަވާޢިދާ ޚިލާފަށް، ނަގަންޖެހޭ ހުއްދަތައް ނުނަގައި ޢިމާރާތް ކުރުމުގެ މަޝްރޫޢުތައް ހިންގުމަކީ އިޓަލީ ވިލާތުގައި ޢާންމުވެފައިވާ މައްސަލައެކެވެ. މި ކަމާ އެ ޤައުމުގެ ޢާންމުންގެ ރައްކާތެރިކަމާ ބެހޭ ވަޒީރު ނެއްލޯ މެސުމޭޗީ ވެސް އެއްބަސްވެއެވެ.

އޭނާ ވެސް ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ހިންގާ ޢިމާރާތް ކުރުމުގެ މަޝްރޫޢުތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމުގައެވެ. ނަމަވެސް، އެ ކަން އިތުރަށް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދެވެން ނެތް ކަމަށާއި، ޤަވާޢިދާ ޚިލާފަށް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުނިތައް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިސްކިޔާއަކީ އަލިފާން ފަރުބަދައެއް އޮންނަ ސަރަޙައްދެކެވެ. 2017ވަނަ އަހަރު އެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމަކާ އެކު، އެ ސަރަޙައްދުގެ ފަސްގަނޑަށް އަސަރު ކޮށްފައިވާ ކަމުގައި މާހިރުން ބުނެއެވެ. އިސްކިޔާގެ ބިމުގެ 49 އިންސައްތައަކީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ބިރު އޮތް، ޢިމާރާތް ކުރުމަށް ރައްކާތެރި ތަންތަން ނޫން ކަމުގައި އެ ޤައުމުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޖިލްބަރްތޯ ޕިޗެއްތޯ ވިދާޅުވިއެވެ.