"ކަނޑު މަތީގައި ހުންނަ އުޅަނދަކުން ގުޅާލާ ކަމަށް ބުނާއިރު ރާޅުޖަހާ އަޑު އެބަ އިއްވާލާ ޖަލު ގޮޅީތެރެއިން. ފްލައިޓަކަށް އަރަން ދާއިރުގަ ފްލައިޓު ސްޓާޓްކުރާ އަޑު އެބަ އިއްވާލާ ޖަލު ގޮޅީތެރެއިން. އާނ މިހާރު މި ފްލައިޓު ޖައްސަނީއޭ މިވެނި ކަމެއް ކޮށްދޭށޭ ނުކޮށްފިއްޔާ ތިމަންނަ މިވެނި ހާލަތަކަށޭ މި ވެއްޓެނީ." ރާއްޖޭގެ ސްކޭމް ކޯލްތަކުގެ މައްސަލަ ފުޅާވެ ފެތުރިފައިވާވަރު ބޮޑުކަމާއި މިކަން ކުރާ މީހުން ކުރިއަރާފައިވާ ވަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސިފަކޮށްދެއްވީ މިހެންނެވެ.
ރާއްޖޭގައި ސްކޭމް ކޯލްތަކުގެ މައްސަލަ މިފަހަކަށް އައިސް އިންތިހާއަށް ވަނީ އިތުރުވެފައެވެ. މުޅި ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވަދެ ސުވާލުކޮށްލިނަމަވެސް، މިފަދަ ކޮންމެވެސް މެސެޖެއް ނުވަތަ ކޯލެއް ނާންނަ މީހަކު މަދުވާނެއެވެ. ކޮންމެވެސް ބޭންކެއް ނުވަތަ، ސަރުކާރުގެ އިދާރާއެއް ނޫނީ ކުންފުންޏެއްގެ ނަމުގައެވެ. އަނެއްބައި ފަހަރު އެކުވެރި ގާތް މީހަކު އެހީއަކަށް އެދި ގުޅާ ރޮނީއެވެ. ދެން ނޫނީ ގުޅަނީ ބޮޑެތި ގޯއްޗާއި އަގުބޮޑެތި ފްލެޓާއި ޗުއްޓީ ދަތުރުތައް ލިބޭކަމުގެ އުފާވެރި ޚަބަރުތައް ހިފައިގެންނެވެ. ޖީމެއިލްއާއި އޯޓީޕީ ހޯދާށެވެ. މީގެ ކޮންމެ ކޯލެއް ނިމި އަނެއް ދުވަހަށް އިރު އަރަނީ އުމުރު ދުވަހުގެ މަސައްކަތުން އެއްކުރިހާ ފައިސާ އެކައުންޓުން ދޮވެލައިގެނެވެ.
ރާއްޖޭގައި މިކަން ފެތުރިފައިވާ މިންވަރާއި އާންމުންނާ ހަމައަށް މިކަން އައިސްފައިވާވަރު، މިކަމާ ދެކޮޅަށް ފެށި މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސްގެ ކޮންފަރެންސްގެ ތެރެއިން އަޑުއިވުނެވެ. އެ ކޮންފަރެންސްގެ ކޮންމެ ބައިވެރިއަކީ ވެސް ކޮންމެވެސް އެއް ލެވެލްއެއްގައި މިފަދަ ކަމެއް ތަޖުރިބާކޮށްފައިވާ މީހެކެވެ.
ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް މިކަން ތަޖުރިބާކުރިކަން އެނގިފައިވުން، ނުވަތަ އަމިއްލަ ފޯނަށްވެސް މިކަހަލަ ދެތިން މީހެއްގެ ކޯލެއް ނާންނަ މީހަކު ނެތެވެ. އެންމެން ވެސް ފާހަގަކުރީ އެމީހުންގެ ކުޅަދާނަކަމާއި، އެކަމަށް ހުސްވެ ތައްޔާރުވެފައިވާ މިންވަރެވެ.
ހޯމް މިނިސްޓަރުވެސް އެވިދާޅުވި ފަދައިން، ރާޅުޖަހާ އަޑާއި، ފްލައިޓު ޖައްސާ އަޑުވެސް ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރެއިން އިއްވާލާ ފަރިތަކަމުގެ ވާހަކައެވެ. އަދި މިއީ ސްކޭމެއްކަން އެނގޭ ހިސާބުން ހުންނަ ބޭއަދަބީ ކަމާއި، އަޚުލާގީ ފެންވަރު ދަށްކަމެވެ.
މިއީ ރާއްޖޭގައި އެކަނި ހިނގަމުން އަންނަ ކަމެއްކަމަށް ހީވެފައި އޮތްނަމަ އެއީ ވެސް ކުންހީއެއްކަން ހާމަވީ ދިވެއްސެއްގެ ނަމާއި ފޮޓޯ ބޭނުންކޮށް، ދުނިޔޭގެ އެންމެ ނަން ހިނގާ ބާރުވެރި އެއް ގައުމުކަމަށްވާ ޤަތަރުގައި ސްކޭމް ހިންގަމުން އަންނަކަން ކޮންފަރެންސްގެ ބައިވެރިއަކު ހިއްސާކުރި ކުރުމުންނެވެ. ފުލުހުން ބައިވެރިވެގެން ކުރަމުން އަންނަ މަސައްކަތްތަކުން ވެސް ދުނިޔެއަށް މިކަން ފެތުރިފައިވާވަރު އެނގިގެންދެއެވެ.
"މުޅި ދުނިޔެއަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ސްކޭމިންގެ މައްސަލަ ވާއިރުގަ، މިދިޔަ މަހުގެ ތެރޭގައި ފުލހުންގެ ހިދުމަތްވެސް ހިމެނޭގޮތުން، އިންޓަޕޯލުން ލޯންޗުކުރި އޮޕަރޭޝަން ހައިޗީ 3، 30 ގައުމެއްގެ މެދުގައި ހިންގުނު އޮޕަރޭޝަނެއް އެއީ 123 މިލިއަން ޑޮލަރުގެ އެކި ބާވަތްބާވަތުގެ ފްރޮޑް އެކުލެވޭތީވެ އެކަމާ ގުޅިގެން ހިންގިފައިވާ އޮޕަރޭޝަނެއްގައި ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެފައިވޭ." ސީޕީ ހަމީދު ވިދާޅުވިއެވެ.
މިކަންކަމާ ދެކޮޅަށް ކަމާ ބެހޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަަންނަ އިރު، ރާއްޖޭގައި މިކަން މިހާރު ފުޅާވެފައިވާ މިންވަރު ހާމަވީ މި ކޮންފަރެންސްގައި ހިއްސާކުރި ފުލުހުންގެ ތަފާސްހިސާބުތަކުންނެވެ. 2019 އިން ފެށިގެން އަދާހަމައަށް މި މައްސަލަތައް އައިސްފާވާގޮތުގެ ތަފްސީލްތައް މި ކޮންފަރެންސްގެ ތެރެއިން އެނގިގެން ދިޔައިރު، ކޮވިޑް-19 ގެ ފަހުން، އަދި ވަކިން ޚާއްސަކޮށް 2022 ވަނަ އަހަރަކީ ސްކޭމްގައި އެންމެ އަރާހުރި އަހަރުގެ ގޮތުގައި ފާހަގަވެއެވެ.
މާލޭގެ މަގުތައް މައްޗަށް ބަލާލިޔަސް، އަދި ސޯޝަލް މީޑިއާއާއި، މެއިންސްޓްރީމް މީޑިއާތަކުގައި ދައުރުވަމުންދާ ޕޯސްޓަރުތަކާއި، މަޖާ ސަކަ މިޒާޖުގައި މީހުން ޝައުގުވެރިވާނެ ގޮތަށް ދައްކަމުންދާ އިޝްތިހާރުތަކުން ވެސް މިކަމާ ދެކޮޅަށް ހޭލުންތެރިކުރުވައި މިދަލުން މީހުން ސަލާމަތްކުރުމަށް އެތައް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ނަމަވެސް ހިތާމައަކީ މި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ އިރުވެސް މި މަޅީގައި އެތައް ބަޔަކުޖެހި، މި އަހަރު އެކަނި 23 މިލިއަން ރުފިޔާ އެތައް ބައެއްގެ އަތުން ގެއްލިފައިވުމެވެ. މިއާއެކު މި އަހަރަކީ މިކަމާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އެޅުނު އެއް އަހަރު ކަމަށް ދެންނެވިދާނެއެވެ.
"މިހާރު 590 ސިމް ޑިސްކަނެކްޓު ކުރެވި، 532 މޯބައިލް އައިޑެންޓިފިކޭޝަން ނަމްބަރު ބްލެކްލިސްޓުކޮށް، 10 އައިޕީ އާއި 14 ވެބްސައިޓު ބްލޮކްކޮށްފައިވާކަން އަޅުގަނޑުމެންގެ ތަފާސްހިސާބުތަކުން އެބަ ދައްކާ." މިއަހަރު އެކަނި މިކަމާ ދެކޮޅަށް ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ހިއްސާކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ވާހަކައިން ވެސް އަދި ސީޕީ ހަމީދުގެ ވާހަކައިންވެސް މި ހުރިހާ ކަމެއްގެ މައި އެއް މައިޒާނުގެ ގޮތުގައި ފާހަގަކުރެއްވީ ޖަލުތަކެވެ. ޖަލުތަކުގައި މީހުންނަށް ވަގުތު ގިނަވެ، މި ހުރިހާ އަޑުތަކެއް އިއްވުމާއި، މޮޅު ވާހަކައެއް ދައްކާލާނެ ހުނަރު އެތާ ތިބެ އުފެދޭ ކަމެވެ.
ޖަލަށް ވަގަށް ވައްދާ ފޯނުތަކާއި ސިމުތައް ބޭނުންކޮށް މި ޖަރިމާތާއް ހިންގަމުން އަންނައިރު އެ ފޯނާއި ސިމުގެ ފަހަތުގައި ހުންނަ މީހާ ހޯދަން އުނދަގޫވާކަމެވެ. މި މައްސަލަތައް ހައްލުލުރުމަށް ސިމް ދޫކުރުމުގެ އުސޫލަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ނޫންވެސް އެތައް މަސައްކަތެއް އެކަން ހުއްޓުވުމަށް އަންނަނީ ކުރަމުންނެވެ.
މި ކޮންފަރެންސްއަކީވެސް މި މަސައްކަތުގެ ތެރެއިން ކުރިއަށްދާ އެއް ބައެވެ. ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްވެސް އެދިވަޑައިގަތީ މިކަމުގައި އެންމެން އެއްގަލަކަށް އަރައި، އެކުގައި މިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށެވެ.