ޚަބަރު

"ކިސީ ކީ ބާއީ ކިސީ ކީ ޖާން" ގެ ޝޫޓިން ނިންމާލައިފި


ކުރިން މި މަހުގެ 30 ގައި ރިލީޒްކުރަން ނިންމުމަށް ފަހު، އަންނަ އަހަރުގެ ފިޠުރު ޢީދުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ޝޫޓިން ނިންމާލައިފިއެވެ.

ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކީ ސޯޝަލް މީޑިއާގައި ސަލްމާން ވަނީ މި ވާހަކަ ހިއްސާކޮށްފަ އެވެ. "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އަކީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފަށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އިން ބޮލީވުޑަށް އައު ބަތަލާއިންތަކެއް ލޯންޗް ވެސް ކުރާނެއެވެ. އޭގެ ތެރޭގައި "ބިގް ބޮސް 13" އިން ވިދި ޝެހެނާޒް ގިލް، ސަނާ އާއި ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭރްނާގެ ރޯލު ކުޅުނު ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ހިމެނެއެވެ.

މި ފިލްމުގެ ލީޑް ބަތަލާ އަކީ ޕޫޖާ ހެގްޅޭއެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖައްސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގާމް، ވެންކަޓޭޝް، ޖަގަޕަތީ ބާބޫ އަދި މަލްވިކާ ޝަރުމާ ހިމެނެއެވެ.

ފަރުހާދުގެ މި ފިލްމުގައި ސަލްމާން ފެންނީ ދިގު އިސްތަށިގަޑެއްގައި ތަފާތު ގޮތަކަށެވެ. މި ފިލްމު ވެގެންދާނީ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރިހަމަ ރޯލަކުން ސަލްމާން ބޮޑު ސްކްރީނަށް އެނބުރި އައުން ފާހަގަކުރާ ފިލްމަށެވެ. މި ފިލްމަކީ އެކްޝަން، ކޮމެޑީ، ޑްރާމާ، ރޮމޭންސް އަދި ހިތްގައިމު ލަވަތަކެއް ހިމެނޭނެ ފިލްމެއްކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ކިސީ ކާ ބައި ކިސީ ކީ ޖާން" އަކީ ތަމަޅަ ޑައިރެކްޓާ އަޖިތް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ވީރަމް" ގެ ހިންދީ ރީމޭކެވެ. ސަލްމާންގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކެޓްރީނާއާއެކު ފެނިގެންދާ "ޓައިގާ 3" ހިމެނެއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީމަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޕަތާން"އިން ޚާއްސަ ފެނިލުމަކުން ސަލްމާން ފެނިގެންދާނެއެވެ.