ޚަބަރު

ޙަބީބާ ދައްކަވާފައިވަނީ ސަރުކާރަށް ވަފާތެރިވުމުގެ މަތިވެރި ނަމޫނާއެއް: ރައީސް


ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވުމަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި ދައުލަތަށް އެކަމަނާ ޚިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުމާއި، ދިވެހި ދައުލަތަށް އިޚްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ލައިބްރަރީގެ ޚިދުމަތް ތަރައްޤީކުރައްވައި، ފުޅާކުރެއްވުމުގައި ޙަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމާ ޙަބީބާ ޙުސައިން ޙަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ. މި ދަފްތަރުގައި ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދިވެހިބަހުގެ އެކެޑަމީއަށް ކުރެއްވި ޒިޔާރަތުގައި، އަންނަބީލާ ޙަބީބާ ޙުސެއިން ޙަބީބުގެ އާޢިލާގެ ބައެއް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަފްތަރުގައި ދަޢުލަތުގެ ވަޒީރުންނާއި، ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އެކި ބޭބޭފުޅުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ. މި ދަފްތަރު ހުޅުވިފައި ހުންނާނީ މިމަހުގެ 15 އާއި ހަމައަށްކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ. އެކަމަނާ ވަނީ 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. މީގެތެރެއިންވެސް އެންމެ ގިނަ ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ.

29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަޤާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައެވެ. ޤައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޤަރުނުފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ޘަޤާފަތާބެހޭ މަޢުލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ނޫސްވެރިކަމުގެ ރަން ގަލަންވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެކަމަނާއަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ދިވެހި ދައުލަތުން އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ.