ޚަބަރު

މެނިފެސްޓޯގައި ނިޒާމީ ވޯޓެއް ނެތް، އެކަމުގައި އެއްބަސްވުމެއް ވެސް ނެތް: ސަރުކާރު


ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ ކަމަށާއި، އޭގައި ނިޒާމީ ވޯޓެއްގެ ވާހަކަ ނޯންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ނިޒާމީ ވޯޓުގެ ވާހަކަދައްކަވާފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވައުދުވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތެއް ހޯދުން ކަމަށެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދެއްކި މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކަ ނޯންނާނެ ކަމަށެވެ.

ސަރުކާރުން މިހެން ވިދާޅުވާއިރު، 2018 ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތިލި އިރު އެމްޑީޕީން އެކުލަވާލި ވަކި މެނިފެސްޓޯއެއް އޮތެވެ. ނިޒާމީ ވޯޓަކީ އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. ނަމަވެސް މި ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ ކޯލިޝަން ޕާޓީތަކާއި އެކު ކޯލިޝަން ސަރުކާރުން އެކުލަވާލައި ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ ކަމަށް މިއުވާން ވިދާޅުވެއެވެ.

މިއުވާން ވިދާޅުވީ 2018 ވަނަ އަހަރު ދެއްކި އެމެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންތައްތައް ކުރަމުން އަންނަ ކަމަށާއި، ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ.


އެމްޑީޕީގެ އެތެރޭގެ ކޮންގްރެސްގައި އެފަދަ ވޯޓަކަށްދާން އެއްބަސްވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަށް ވެސް ސަރުކާރުން ވަނީ ރައްދުދެއްވާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ކޮންގްރެސްގައި ވެސް އަދި މި އަހަރު ބޭއްވި ކޮންގްރެސްގައި ވެސް އެފަދަ ވޯޓަކަށްދާން އެއްބަސްވެފައި ނުވާކަމުގެ ޔަގީންކަން މިއުވާން ދެއްވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް ނަޝީދު ތާޢީދުކުރެއްވިނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑީޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބާއްވާނެކަން އެޕާޓިން ވަނީ އިއުލާންކޮށްފައެވެ. އެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ރައީސް ނަޝީދުވެސް ވަނީ ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައެވެ.