ޚަބަރު

އިންސާނިއްޔަތަށް އެހީވުމުގައި ދަރުމަވެރިން ދައްކާ ނަމޫނާއަށް ޝުކުރު ޙައްޤު


ވޮލެންޓިއަރުން ނުވަތަ ދަރުމަވެރިންނަކީ މާލީ މަންފާއެއް ނެތި، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މީހުންނެވެ. އެކިއެކި ކާރިސާތަކުގައާއި ޙާދިސާތަކުގައި އާއްމު ރައްޔިތުންނަށް ދިމާވި އެތައް ގޮންޖެހުންތަކެއްގައި، ދަރުމަވެރިންގެ މިންނެތް ބުރަ މަސައްކަތް ރާއްޖޭގެ މިކުޑަކުޑަ މުޖްތަމައުން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވި އެކި ހާދިސާތަކުގައި މި ޚިދުމަތްތެރިން ވަނީ ރެއާ ދުވާލު ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސާބިތުވެފައެވެ.

ދަރުމައަށް އެދިގެން މަސައްކަތްކުރާ "ދަރުމަވެރިންގެ ދުވަސް" ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަން ނިންމީ، އދ.ގެ އިސްނެގުމުގެ ދަށުން 17 ޑިސެމްބަރު 1985 ގައެވެ. އޭގެފަހުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އެފަދަ ފަރާތްތަކުން އެކުރާ އަގުނުކުރެވޭ މަސައްކަތުގެ އަގުވަޒަންކުރުމުގެ ބޭނުމުގައެވެ.

އާބާދީ ކުޑަ މި ދިވެހިރާއްޖެއިންވެސް އިންސާނިއްޔަތަށްޓަކާ އެކަކު އަނެކަކަށް އެހީތެރިވުމުގެ މި ރީތި މިސާލު އެތައް ގޮތަކުން ދަނީ ފެންނަމުންނެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، މާލެއަށް ދިމާވި ފެނުގެ ކާރިސާއާއި، 2019 ވަނަ އަހަރު ކުރިމަތިވި ކޯވިޑް-19 ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި އެކި ގޮތްގޮތުން އެހީވުމަށް ހިންގަމުން އަންނަ ދާއިމީ އެންޖީއޯތަކުގައިވެސް އެތައް ދަރުމަވެރިންނެތް މެދު ނުކެނޑި އަންނަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑުގެއްލުމެއް ރާއްޖެއަށް ކުރިމަތިވި އެއް ކާރިސާއަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއެވެ. ދިވެހިންގެ ލޯތައް ކަރުނުން ތެންމާލި މިދުވަހަކީ އިންސާނީ ޚިދުމަތްތެރިންގެ ގޮތުގައި މުޅިގައުމު ތެދުވެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިން ކާރިސާއެކެވެ. ކުޑައެއް ބޮޑެއް މުސްކުޅިއެއް ޒުވާނެއް ބެލުމެއް ނެތި އެހީތެރިކަމަށް ދިވެހިން ނުކުންނަނީ އެއްބައިވަންތަކަމުގެ އަތުކުރި އޮޅާލައިގެން ފިސާރި ކެރިގެން އެ ޙާލަތަކަށް ފެތޭ ގޮތައްކަން އެދުވަހު ދިވެހިން ދައްކައިދިނެވެ.

މިފަދަ ކަންކަމުގައި ދިވެހިން ނުކުންނަނީ ކެރިގެން އައު ހިތްވަރަކާ އެކުއެވެ. ފުލުހުންނާ ސިފައިން އެދުވަސްވަރު ދެއްކީ ރައްޔިތުންނަށް އެޙީތެރިކަން ފޯރުކޮށްދިނުމުގައި ލާމަސީލު މިސާލެކެވެ. މީއަބަދުވެސް މިފަދަ ކޮންމެކަމެއްގައިވެސް އެންމެ ބޮޑު އެޙީތެރިކަމެއް ފޯރުކޮށްދޭ ދެ މުއައްސަސާއެވެ.

2014 ވަނަ އަހަރު ހިނގި ފެނުގެ ކާރިސާ މީވެސް އިންސާނީ ޚިދުމަތްތެރިންތަކެއް ފެނުނު ހާދިސާއެކެވެ. މީގެ އަހަރުތަކެއް ކުރިން އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ފެން ކެނޑި، މާލޭގައި ދިރިއުޅޭ މީހުން ވަނީ އެކަމުގެ ދަތިކަން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތަހައްމަލްކޮށްފައެވެ.

މިކަމުގައި އަތޮޅުތެރެރިން ބޯޓުތަކުގައި ފެންގެނެސް ފެންބޭނުންވާ މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންނާ ސިފައިންގެ އިތުރުން ދިވެހި ރެޑްކްރެސެންޓާ އެކު އެތައް ޒުވާނުންނެއް ދަރުމަވެރިންގެގޮތުގައި ގޮތުގައި ނުކުތެވެ.

އެފަހުން 2019 ވަނަ އަހަރު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައިވެސް ދިވެހި ދަރުމަވެރިން ވަނީ އިންސާނިއްޔަތަށްޓަކާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ނަމޫނާ ދައްކުވައިދީފައެވެ.

"ކޯވިޑް 19" މީ ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބިރުވެރި އެއް ބަލިމަޑުކަމެވެ. މިކަމުގައިވެސް ދިވެހީން ދެއްކީ އިންސާނީ ޚިދުމަތްތެރިންގެ ކުޅަދާނަކަމެވެ. މުޅި މާލެ ލޮކްޑައުންކޮށް ގެއިން ބޭރަށް ނުކުތުން މަނާކުރި ހިސާބުން މާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ގޮވާލި ގޮވާލުމަށް ސިއްޙީ ދާއިރާގެ ބޭފުޅުންނާ ސިފައިންނާ ފުލުހުން ނުކުތީ މަރު އަތްމައްޗައް ލައިގެން އިންސާނީ ޚިދުމަތަށެވެ. އަދި ވޮލެންޓިއަރުންގެ ގޮތުގައި ސިއްޙީ ދާއިރާގައި އެއްގޮތަކަށްވެސް މަސައްކަތް ނުކުރާ އެތައް ފަރާތެއް އެދުވަހު ނުކުމެ ހަރަކާތްތެރިވިކަން ފާހަގަކޮށްލެވެއެވެ.

ދަރުމަވެރިންނަކީ އިޖްތިމާޢީ ބަދަހިކަން ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ދިމާވާ އެކި ކާރިސާތަކާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު އިޖްތިމާއީ ހަރަކާތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ދަރުމަވެރިން ހަރަކާތްތެރިވެއެވެ. ދަރުމަވެރިންގެ ބޭނުންތެރިކަމާއި، އެމީހުންގެ ސަބަބުން މުޖުތަމަޢުއަށްކުރާ ފައިދާ ގިނަ ފަރަހަށް ވަޒަންކުރެވެނީވެސް ކާރިސާގެ މިފަދަ ދަނޑިވަޅުތަކުގައެވެ.

ދިވެހިން މިފަދަ ކަންކަމުގައި އެއްބައިވަންތަކަން ދައްކަނީ ހަމައެކަނި ގައުމަށް ދިމާވާކަންކަމުގައި އެކަންޏެއްނޫނެވެ. ގައުމުން ބޭރުގެ ފަރާތްތަކަށް އެޙިތެރިކަން ފޯރުކޮށްދިނުމުގައިވެސް މިކުޑަކުޑަ ގައުމުން ދުނިޔޭގެ އެހެން ޤައުމުތަކަށް އަންނަނީ މިސާލުދައްކަމުނެވެ.