ވިޔަފާރި

މާވަރުލުގެ އެއްބަސްވުން އުވާލީ މަސައްކަތް ނުކުރެވުމުން


ގދ. މާވަރުލުގައި މަދަނީ ވައިގެ ބަނދަރެއް ހެދުމަށް މޫވިން އިންޓަރނޭޝަނަލްއާއެކު ސަރުކާރުން ވެވަޑައިގެންފައިވާ އެއްބަސްވުން ބާޠިލްކުރައްވައި، އެރަށް ނެންގެވީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގެންދާތީ ކަމަށާއި ސަރުކާރުގެ ނިންމެވުމާ ބެހޭގޮތުން މޫވިން އިންޓަރނޭޝަނަލުން ފަތުރާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ.

ގދ. މާވަރުލުގައި 1200 މީޓަރުގެ ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްގީކުރަން 2011 ޖުލައި 10ގައި ހަވާލުކޮށްފައިވަނީ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށެވެ. އެކުންފުނިން ފަތުރަމުންދާ ވާހަކަތަކުގައި މާވަރުލުގެ އެއްބަސްވުން އުވާލީ 60 އިންސައްތަ މަސައްކަތް ނިމިފައި އޮއްވާކަމަށް ބުނެއެވެ. ނަމަވެސް ރީޖަނަލް އެއަރޕޯޓްސްއިން މިކަން ދޮގުކުރައްވައެވެ. ރީޖިނަލް އެއަރޕޯޓްސްއިން ވިދާޅުވާ ގޮތުގައި ސަރުކާރުން މޫވިން އިންޓަރނޭޝަނަލާއެކު ވެވަޑައިގެންފައިވާ އެއްބަސްވުން އުވާލެއްވީ އެތަނުގެ މަސައްކަތް ނިންމަން އޮތް މުއްދަތަށް މަސައްކަތް ނުނިމި، އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީކަމަށެވެ.

ރީޖަނަލް އެއަރޕޯޓްސް ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، މިހާތަނަށް އެރަށުގައި ކުރެވިފައި ހުރި މަސައްކަތަކީ، ހަދަންޖެހޭ ބައެއް ޢިމާރާތްތައް އެޅުންކަމަށެވެ. އެހެންނަމަވެސް ޢިމާރާތްތައްވެސް ހުރީ ހަމައެކަނި ރާނާ ހިޔާކޮށްފައި ކަމަށާއި، ބައެއް ޢިމާރާތްތަކުގައި ސިމެންތިވެސް ޖަހާފައި ނުވާކަމަށެވެ. އަދި ރަންވޭ އަޅަންޖެހޭ ތަނުގައި ހުރި ގަސްތައް ކޮށާފައިވާކަމަށް ސާމީ ވިދާޅުވިއެވެ.

ސާމީ ވިދާޅުވީ، މަސައްކަތް ޙަވާލުކުރައްވާފައިވާ ކުންފުނިން މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވިފަހުން، މަސައްކަތްކުރާ ބިދޭސީންގެ ކޯޓާގެ މުއްދަތު ހަވަގެން އާކުރަން އެދުނުކަމަށެވެ. އެހެންނަމަވެސް މަސައްކަތާބެހޭ އިތުރު އެއްވެސް ކަމެއް ޙިއްޞާކޮށްފައި ނުވާކަމަށް ސާމީ ވިދާޅުވިއެވެ.

ގދ. މާވަރުލުގައި  ނ. މާފަރުގައި ޑޮމެސްޓިކް އެއަރޕޯޓެއް ހެދުމަށް ޙަވާލުކޮށްފައިވާ އެއްބަސްވުން ރީޖަނަލް އެއާޕޯޓްސްއިން އުވާލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. މި އެއްބްސްވުން އުވާލުމަށްފަހު މިދިޔަ ހޯމަ ދުވަހު އެދެރަށުގައި  ޑޮމެސްޓިކް އެއަރޕޯޓެއް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުއްވާލައްވާފައެވެ.

މާވަރުލުގައި ތަރައްޤީ ކުރާ އެއަރޕޮޓްގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެން، އެ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ އެދާއިރާގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އިޤްތިޞާދަށް އެކަމުގެ ގެއްލުންވަމުންދާތީއެވެ.

ގދ. ގައި 6 ރިސޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.