 
										
			ދެ މެޖިސްޓްރޭޓް ކޯޓަކަށް އައްޔަންކުރެއްވި ޤާޟީންނަށް، މަޤާމުގެ ލިޔުން ހަވާލުކޮށްފިއެވެ. 
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ލިޔުން ހަވާލުކޮށްފައި ވަނީ ށ. ފުނަދޫ އަދި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރެއްވި ޤާޟިންނަށެވެ. ދެ ޤާޟީން ވަނީ މަޤާމުގެ ހުވައިކުރައްވާ، ޤާޟީކަމުގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. 
ޤާޟީން އައްޔަންކުރެއްވި ކޯޓުތަކުގެ ތެރެއިން، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ.ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ.
		
 
										އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ، އަލްއުސްތާޛް ޔާސިރު މުޙައްމަދު މިހާތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.
 
										
			ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ ރ.މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނަޢީމްއެވެ. 
އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ފަސް އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ އަލްއުސްތާޛް އިބްރާހީމް ނަޢީމް މިހާތަނަށް ހުންނެވީ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ