ޚަބަރު

ވޯޓުފޮށި ބަހައްޓާނީ 150އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭ ޤައުމުތަކުގައި


އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ޤައުމުތަކުގައި އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދަނީ ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނެ ޤައުމުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.


އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްތެމްބަރު މަހުއެވެ. އެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ، އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓާއިރު އެޤައުމެއްގެ ޤަވާއިދުތަކާއި، އުސޫލުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއިއެކު މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓުމުގައި އެކޮމިޝަނުން ބަލާނީ އެޤައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 150 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ޤައުމުތަކުގައިކަމަށް ފުއާދު ވިދާޅުވިއެވެ. ވޯޓު ފޮށިތައް ބެހެއްޓުމަށް މިހާރު ނިންމަފައިވަނީ ސްރީލަންކާއާއި، އިންޑިއާއާއި، މެލޭޝިއާއި، ސިންގަޕޫރާއި، އިނގިރޭސި ވިލާތުގައެވެ. މި ޤައުމުތަކުގެ އިތުރުން ޕާކިސްތާނާއި، ބަންގްލަދޭޝްއާއި، ތައިލެންޑުގައިވެސް ވޯޓު ފޮށި ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް އެޤައުމުތަކުގައި ފޮށިތައް ބެހެއްޓުމާއިމެދު ގޮތެއް ނިންމާނީ ރީ-ރަޖިސްޓްރޭޝަނަށްފަހު އެޤައުމުތަކުން ރަޖިސްޓްރީ ކުރާ މީހުންގެ އަދަދަށް ބެލުމަށް ފަހުކަމަށް ފުޢާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފޮށިތައް ބެއްޓުމުގައި މީގެ ކުރިން މިބޭއްވުނު މަޖިލިސް އިންތިޚާބުގައިވެސް އަމަލު ކުރި އުސޫލުން 150 އަށްވުރެ ގިނަ މީހުން ތިބި ޤައުމުތަކުގައި ފޮށި ބަހައްޓާނީ. ފޮށިތައް ބެހެއްޓުމުގައި އެޤައުމުތަކުގެ ޤާނޫނުތަކައި ގަވާއިދުތަކާއި، އުސޫލުތައް ހަަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން މިދަނީ ފޮރިން މިނިސްޓްރީއާއިވެސް މަޝްވަރާ ކުރަމުން." ފުއާދު ވިދާޅުވިއެވެ.


އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށް، ބަޖެޓުގައި ވަނީ 90 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންއަކީ ވެސް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. ވޯޓު ކަރުދާސްތައް ޗާޕުކުރުމާއި މިފަދަ އިދާރީ ކަންކަމަކީވެސް އިންތިޚާބުގެ އެންމެ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރާއްޖޭގެ ތާރީހަށް ބަލާއިރު މިހާތަނަށް އެންމެ ބުރަކުން އިންތިޚާބު ކާމިޔާބުވެފައި ވަނީ އެންމެ ރިޔާސީ އިންތިޚާބެއްގައެވެ. އެއީ 2018 ވަނަ އަހަރުގެ އިންތިޚާބެވެ.