ޚަބަރު

މަސްވެރިކަމުގައި ބިދޭސީން ގެންގުޅެން ހުއްދަދިނީ ދިވެހި ޒުވާނުންގެ ޝަޢުޤުވެރިކަން ކުޑަވުމުން!

މަސްވެރިކަމުގައި ހަރަކާތްތެރިވާ ނުވަތަ މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ދިވެހި ޒުނާވުންގެ އަދަދު މަދު ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އަދި މިސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު ހުރިހާ ދާއިރާއެއްގައިވެސް ބިދޭސީން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެހެން ދާއިރާތަކާއި ޚިލާފަށް މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ ސަޤާފަތާއި ގުޅިފާވާ މަސައްކަތަކަށްވުމުން، މިދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ އަދަދު އިތުރުކޮށް، ބިދޭސީންގެ އަދަދު މަދުކުރުމަކީ މުހިންމުކަމަކެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ކޮންޓްރޯލްރުމުގެ ގޮތުން، ފިޝަރީޒް މިނިސްޓްރީން ވަނީ މަސް ދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭނެ ޤަވާއިދެއް 2020 ވަނަ އަހަރު އެކުލަވާލައި، އެއަށްވަނީ އަމަލުކުރަން ފަށާފައެވެ. ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ޤަވާއިދުގައި އޭރު އޮތީ މަސް ދޯނިފަހަރުގައި ގެންގުޅޭވެނީ މަދުވެގެން 2 ބިދޭސީންންކަމަށެވެ. މިޤަވާއިދުގައި މަސްދޯނި ފަހަރުގައި ބިދޭސީންނަށް އަދާކުރެވޭނެ ވަޒީފާތަތައްވެސް ބަޔާންކޮށްފައިވެއެވެ. އެއީ ސެކިއުރިޓީ ބެލެހެއްޓުމާއި އުޅަނދުގެ ކައްކާއެއްގެ ގޮތުގައި ނުވަތަ ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރުމެވެ. އަދި މިގޮތަށް ގެންގުޅޭ ބިދޭސީންނަށްވެސް ޚާއްސަ ކޯޓާއެއް ނަގަން ޖެހޭގޮތަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މަސްވެރިކަމުގައި ބިދޭސީން ނުގެންގުޅެވޭގޮތަށް ޤަވާއިދެއް ކަނޑައެޅުމާއިއެކު މަސްވެރިންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އަދި ބައެއް މަސްވެރި އުޅަނދުތަކުގެ މަސައްކަތް ހުއްޓުމަކަށްވެސް ވަނީ އައިސްފައެވެ. މަސްވެރިކަމުގައި ބިދޭސީން ގެންގުޅުމާއިމެދު މަސްވެރިންގެ ޚިޔާލު ތަފާތުވި ނަމަވެސް، ގިނަ އަދަދެއްގެ މަސްވެރިން ޤަބޫލުކުރާގޮތުގައި، މަސްވެރިކަމުގައި ބިދޭސީން ގެންގުޅެންޖެހެނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުން މަދުވުމުގެ ސަބަބުންނެވެ. ގިނަ މަސްވެރިން ބުނާ ގޮތުގައި، މިދާއިރާއަށް ޒުވާނުންގެ ފަރާތުން އޮންނަ ޝައުގުވެރިކަންވެސް ވަރަށް ކުޑައެވެ.

މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ މަސްވެރިކަމުގެ ޤަވާއިދު އިސްލާހުކޮށްފައެވެ. އެގޮތުން، ފިޝަރީޒް މިނިސްޓްރީން ވަނީ މަސްދޯނި ފަހަރުތަކުގައި މަސްވެރިންގެ ގޮތުގައި ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަދީފައެވެ. 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގައި، ގިނަވެގެން 4 ބިދޭސީން ހަރަކާތްތެރިވޭކަމަށް ފިޝަރީޒް ޤަވާއިދުގައިވާއިރު 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި، ގިނަވެގެން 6 ބިދޭސީން ހަރަކާތްތެރިވެވޭނެކަމަށް އެއިސްލާހުގައިވެއެވެ. އަދި 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި، ގިނަވެގެން 8 ބިދޭސީން ހަރަކާތްތެރިވެވޭނެ ކަމަށްވެސް އެއިސްލާހުގައިވެއެވެ.

މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭގޮތަށް، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާއި ގުޅޭ ޤަވާއިދު އިސްލާހުކުރުމާއިއެކު، ބައެއް މަސްވެރިން ދަނީ މިކަމާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފެށުނީއްސުރެ ދިވެހިން ހަރަކާތްތެރިވާ، ދިވެހިންގެ ސަޤާފާތަތާއި ގުޅިފައިވާ، ދިވެހިރާއްޖޭގެ ލޭނާރު ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލުމަކީ މަސްވެރިކަމުގެ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ގިނަ ބަޔަކު ދަނީ ވަކާލާތުކުރަމުންނެވެ.

މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން، ޕީއެސްއެމް ނިއުސްގެ 'ސަރުކާރަަށް ހަތަރު އަހަރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތްކުރިއެރުވުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސްއަކަތްކޮށްފައި ނުވާކަމަށެވެ. އެހެންކަމުން މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، މިހާރު މިސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން މަދުވުންކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ ފައްޔާޟް ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުން މަދުވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

" މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތެއް. ނަމަވެސް، ބުރަ މަސައްކަތެއް. އެހެންވީމަ، ވަޒީފާއަކާއި ދިމާލަށް ދާއިރު ކޮންމެ މީހެއްވެސް ވިސާނަނެ ލިބޭ އެއްޗަކާއި، އެމަސައްކަތުގެ ބުރަކަމާއި މެދު. މަސްވެރިން ބޭނުމެއް ނުވޭ މަސްވެރިންގެ ދަރިން މަސްވެރިމަށް ނެރޭކަށް. ވިޔަފާރިވެރިންވެސް ބޭނުމެއްނުވެ އެމީހުންގެ ދަރިން މަސްވެރިންގެ ގޮތުގައި ނެރޭކަށް. މީހުން ތަރައްޤީވަމުން އަންނަ ވަރަކަސް މީހުން ބޭނުންވާނެ ހައްޓަށް ލުއި މަސައްކަތެއް ކުރަން. ރަށުގަ އާއިލާއާއެކު ތިބެގެން ރަނގަޅު އާމްދަނިއެއް ހޯދަން އެންމެންވެސް ބޭނުންވާނެ. އެހެންނަމަވެސް މަސްވެރި ވިޔަފާރީގައި ހަރަކާތްތެރިވާ ދިވެހިން ގިނަވާނެ. މަސްދޯނިފަހަރު ގެންގުޅޭ މީހުންވެސް ގިނަވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ކޮންޓްރޯލްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގަވާއިދާއި ޚިލާފަށް މަސް ދޯނިފަހަރުތަކުގައި ބިދޭސީން ހަރަކާތްތެރިވާ އަދަދު މަދުކުރުމަށް ބިދޭސީން އުޅޭ ދޯނި ފަހަރުތަކުގެ ވެރިން އަދި ކެޔޮޅުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ފިޝަރިޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތްތާނގައި މަސް ދޯނިފަހަރުތަކުގެ އިންސްޕެކްޝަންތަކެއް ކުރުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.