ޚަބަރު

ވިލިނގިލި މަގުހެދުމުގެ މަޝްރޫޢު ފަށައިފި، 13 މަގެއްގައި ތާރުއަޅާނެ


ގއ. ވިލިނގިލީ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ވިލިނގިލީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިންނެވެ. އެކުންފުނިން ވިދާޅުވީ، ވިލިނގިލީގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ހޮޅިއެޅުމުގެ މަސައްކަތްކަމަށެވެ.



ވިލިނގިލީގައި ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތާ ގުޅޭގޮތުން އެ ރަށުގެ ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ރަށުގެ މަގު ހެދުމުގެ ފޭސް 1 މީގެ އަހަރުތަކެއް ކުރިން ކުރިއަށްގެންގޮސްފައިވާކަމަށެވެ.

ނަމަވެސް އެ މަޝްރޫއު އެއްކޮށް ނިންމާފައިނުވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެގޮތުން މަގުތަކުގެ ފެން ހިންދޭނެ ގޮތެއްނެތް ކަމަށާއި، މަގު ބައްތިތައް ވެސް ބަދަލުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޝާލް ވިދާޅުވީ އެރަށަކީ ވިއްސާރަ ދުވަސްވަރުތަކުގައި އަބަދުވެސް ފެންބޮޑުވާ ރަށެއްކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ވަރަށް ދަތިތައް އުފުލަމުން އަންނަކަން ފާހަގަކުރައްވާ ވިޝާލް ވިދާޅުވީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިމޭއިރު އެރަށުގެ މަގުތަކުގެ މައްސަލަކަށް ދާއިމީ ހައްލެއް ލިބޭނެކަމަށެވެ. އެގޮތުން މި މަޝްރޫގެ ދަށުން އެރަށުގެ 13 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީވާނެކަން އޭނާ ފާހަގަަކުރެއްވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރުޑީސީން ކުރިއަށްގެންދާ ވިލިނގިލި މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއި، މަގު ބައްތި ޖެހުމާއި، ތާރު އަޅައިގެން ހަދާފައިވާ މަގުތައް ރީސާރފޭސްކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަސައްކަތް ހާވާލުކޮށްފައިވަނީ 98.3 މިލިއަން ރުފިޔާއަށް 490 ދުވަސް ތެރޭގައި ނިންމުމަށެވެ.