ޚަބަރު

ޗައިނާއިން ކޮވިޑް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެނީ


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ. ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައި މި ވަނީ ޗައިނާގައި ރެކޯޑް ޢަދަދަކަށް ބަލީގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޢާންމުންގެ ފަރާތުން ސަރުކާރަށް ކުރިމަތި ކުރަމުންދާ ޕްރެޝަރު ވެސް އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.

ފިޔަވަޅުތަކަށް ލުއިދޭން ނިންމުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ޗައިނާއަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް، އެ ޖަމުޢިއްޔާއިން ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުގައި މެދުމިދުގެ ސިޔާސަތުތަކެއް އިސް ކުރުމަށް ޗައިނާއަށް ނަސޭހަތްތެރިވެފައެވެ. އަދި، ޢާންމުންގެ ހައްޤުތައް ހިމާޔަތް ކުރުމުގެ އިތުރުން ބަލި ފެތުރުން ހުއްޓުވޭނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަށް އެ ޤައުމަށް ގޮވައިލާފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން ޗައިނާގެ ސަރުކާރުން ދަނީ ކޮވިޑް ބަލީގެ ކޭސްއެއް ފެންނަ ކޮންމެ ސަރަޙައްދެއް އަދި ރަށެއް ފުރަބަންދު ކުރަމުންނެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ. ބައެއް ހާލަތްތަކުގައި ޢާންމުންގެ ގެދޮރު ނުހުޅުވޭ ގޮތަށް ތަޅު އެޅުވުން ފަދަ އަމަލުތައް ވެސް ހިނގާފައިވެއެވެ. ފުރަބަންދު އުވައިލަނީ، އެ ސަރަޙައްދެއްގައި ބަލި ޖެހިފައިވާ އެންމެން ބަލިން ފަސޭހަވުމުންނެވެ.

ނަމަވެސް، މި ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާ ބައެއް ރަށްތަކުގެ ތެރޭގައި ވެރިރަށް ބެއިޖިންގްގެ އިތުރުން ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީއާއި ޝެންޒެންގެ އިތުރުން ގުއަންގްޒޫއާއި ޗެންގްޑޫއާއި ޓިއަންޖިން ހިމެނެއެވެ. ބެއިޖިންގްގައި ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން މަގުތަކުގައި ޖަހާފައިވާ ކޮވިޑަށް ޓެސްޓު ކޮށްދޭ ތަންތަން ވަނީ ނަގަން ފަށާފައެވެ.

ބައެއް އެހެން ރަށްތަކުގައި ލުއިދިނުމުގެ ގޮތުން ޢާންމުން އެއްވާ ތަންތަނަށް ވަނުމުގެ ކުރިން ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ބޭނުންވާ ގޮތަށް އޮތް ސިޔާސަތު ވަނީ ދޫކޮށްލާފައެވެ. މިހާރު ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރުމާއި ޕާކުތަކަށް ވަނުމަށް ވެސް ނެގެޓިވް ނަތީޖާއެއް ބޭނުމެއް ނުވެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރުމުގެ އުސޫލަށް ވެސް ބައެއް ރަށްރަށުގައި ވަނީ ލުއި ދީފައެވެ.

ފިޔަވަޅުތަކަށް ޗައިނާއިން ލުއިދޭން ފަށާފައި މި ވަނީ ހުސްވި ނޮވެންބަރު މަހު އެ ޤައުމުގެ ހުޅަނގުގައިވާ އުރުމްޗީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޢާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޢާންމުން ދިރިއުޅޭ ޢިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ބޮޑެތި މުޒާހަރާތަކެއް ފެށުނެވެ.

ޗައިނާއިން މިހާރު ދަނީ ބައްޔަށް ޓެސްޓު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ވެސް ލުއިދޭން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ އެއްތަން ވެފައިވާ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީނު ކުރުމުގެ ފުރުޞަތު ދިނުން ވެސް ހިމެނެއެވެ. މީގެ ކުރިން އެ ފަދަ މީހުން ކަރަންޓީނު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ތަންތަނެއްގައެވެ.

ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބަޔަކު އަޑުއުފުލާފައި ވަނީ، ކޮވިޑްގެ ބަލިމަނޑުކަން ދިގުލައިގެން ދިޔުމުގެ ސަބަބުން އެ ކަމާ ހިތްހަމަނުޖެހިގެން ކަމުގައި ރައީސް ޝީ ޖިންޕިންގް ވިދާޅުވިއެވެ. އަދި، ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައި ވަނީ، ބަލީގެ ވޭރިއެންޓެއް ކަމުގައިވާ އޮމިކްރޯންގެ ނުރައްކާތެރިކަން ކުޑަވެފައިވާ ކަމުގައި ޞިއްޙީ އިދާރާތަކުން ހާމަކުރުމުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޗައިނާގެ އެކި ކަންކޮޅުތަކުގައި ބަލި ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލީގެ 32,827 ކޭސް ވަނީ ފެނިފައެވެ. އޭގެ ކުރީ ދުވަހު ބަލީގެ 34,772 ކޭސް ފެނުނެވެ. އަދި، ހަފުތާއެއްހާ ދުވަސް ކުރިން އެ ޢަދަދު ވަނީ 40,000އިން މައްޗަށް ވެސް އަރާފައެވެ.