ޚަބަރު

ޓެކްސް ބޮޑުކުރީ ކުއްލިއަކަށް ނޫން، އެދެނީ އެއްބާރުލުން


ރާއްޖޭގެ ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، މިކަމުގައި ދާއިރާގެ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އަންނަ މަހުން ފެށިގެން ޓީ.ޖީ.އެސް.ޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ނިންމުމުން ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މި ބަދަލަކީ މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް މިލިއަނުން ގެއްލުންވާނެ ބަދަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން އެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، މި ބަދަލަކީ އެއްވެސް ބެލުމެއް ނެތި ކުއްލިއަކަށް ގެނައި ބަދަލެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން މި ބަދަލު ގެނައީ މިކަމުގެ ސަބަބުން ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ ވެސް ދިރާސާކޮށް، އިމްޕެކްޓް އެސްސްމަންޓްތަކެއްވެސް ހެދުމަށް ފަހު ކަމަށް މިޢްވާން ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެ. ޓެކްސް ރޭޓަށް ބަދަލު ގެންނަން ޖެހޭކަން އައިއެމްއެފްގެ ރިޕޯޓުންވެސް އެނގެން އެބައޮތް. ފިޔަވަޅުތައް އަޅަނީ އިޤްތިޞާދު މެނޭޖްކުރަން" މިޢްވާން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތުގައި ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލިކަން ފާހަގަކުރައްވާ މިޢްވާން ވިދާޅުވީ، އެ އަޑިގަނޑުން އަރައިގަނެވުނީ މުޅި ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. އަދި އެކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ. މިޢްވާން ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރަން ބޭނުންވަނީ އޭރު އެދިން އެއްބާރުލުން ކަމަށެވެ.

"އެކަމުގައި ދެއްވި އެއްބާރުލުން މި ކަމުގައި ވެސް ދެއްވާ، އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި، އެ ބޭފުޅުން އެއްބާރުލުން ދެއްވުމަށް އަޅުގަނޑުމެން އެދެން" މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، އިޤްތިޞާދު އަންނަ ހީނަރުކަމެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެއްވެސް ޙާލަތެއްގައި ފަތުރުވެރިކަމުގެ ދާއިރާއާއި، އެހެނިހެން ދާއިރާތަކަށް ވެސް އެހީތެރިކަން ބޭނުންވެއްޖެ ޙާލަތައެއް އަތުވެއްޖެނަމަ ސަރުކާރުން އެކަން އަބަދުވެސް ކުރާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފަހަގަކުރެއްވީ، ކޯވިޑް-19ގެ ޙާލަތުގައި ރިސޯޓުތަކުގެ ބިމު ކުލި ފަސްކުރުމާއި މުވައްޒަފުންނަށް އިންމަކް ސަޕޯޓު ދިނުން ފަދަ ކަންކަން ކޮށްދީފައިވާ ކަމެވެ.

މަޖިލީހުން ފާސްކުރީ ޓީ.ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8 އަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖީ.އެސް.ޓީން 970 މިލިއަން ރުފިޔާ އަދި ޓީ.ޖީ.އެސް.ޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެކަމަށް ލަފާކުރައްވާފައިވެއެވެ.