ޚަބަރު

"ހެރީ އެންޑް މޭގަން" ގެ ޓީޒާއެއް ދައްކާލައިފި


ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުމަންޓްރީ ސީރީޒްގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ "ހެރީ އެންޑް މޭގަން" ގެ ޑައިރެކްޓަރަކީ "ވަޓް ހެޕެންޑް، މިސް ސައިމަން؟" ގެނެސްދިން ލިޒް ގާބަސް އެވެ. އޭނަ ބުނި ގޮތުގައި ހެރީ އާއި މޭގަންގެ ސީރީޒަކީ ޝައުގުވެރި އެތައް ކަމެއް އަދި އެ މީހުންގެ ޒާތީ އެތައްކަމެއް ވަރަށް ގާތުން ދައްކުވައި ދޭނެ އެއްޗެކެވެ.


ޓީޒާ އިން ވެސް ވަނީ "ހެރީ އެންޑް މޭގަން" އަކީ ޝާހީ އިނގިރޭސި އާއިލާގެ ބޭފުޅުންގެ "އާންމު މިންގަނޑާ" ބޭރު އެތައް ކަމެއް، އެތައް، ވާހަކައެއް ގެނެސްދޭނެ އެއްޗެއްކަން ހާމަކޮށް ދީފައެވެ. ޓީޒާ އާންމުކުރި ނަމަވެސް މި ސީރީޒް ޕްރީމިއާކުރާނެ ތާރީޚެއް އަދިވެސް ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. ނަމަވެސް މި މަހުގެ 8 ގައި "ހެރީ އެންޑް މޭގަން" ޕްރީމިއާކުރާނެ ކަމަށް ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެއެވެ.

ނެޓްފްލިކްސް އަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުސީރީޒެއް ގެނެސްދެނީ 2020 ގައި އެ ކުންފުންޏާއެކު ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ.

ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރި މޭގަން އާއި ހެރީ ކައިވެނިކޮށްފައިވަނީ 2018 ގަ އެވެ. ހެރީ އަކީ އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނެވެ. ހެރީ އާއި މޭގަން ޝާހީ ޒިންމާތައް ދޫކޮށްލުމަށްފަހު 2020 އިން ފެށިގެން ދިރިއުޅެމުންދަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.