ޚަބަރު

ތޮއްޑޫ ސްކޫލަށް 55އަހަރު ފުރުން ފާހަގަކުރުމަށް އެމްއެންޑީއެފްއިން ޕެރޭޑެއް ބާއްވައިފި

އއ.ތޮއްޑޫ ސްކޫލަށް 55އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ތޮއްޑޫގައި ޕެރޭޑެއް ބާއްވައިފިއެވެ. މި ޕެރޭޑަކީ ތޮއްޑޫ ކައުންސިލްގެ އެދުމުގެމަތިން ރަށުގައި ބޭއްވި ހަރަކާތެކެވެ.

ތޮއްޑޫ ސްކޫލަކީ ގްރޭޑް 12އާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

އެ ރަށުގައި މިއަދު ހަވީރު އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފައެވެ.

މި ޕެރޭޑް ބަލާލުމަށް ތޮއްޑޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އާއްމު ރައްޔިތުން ގިނަބަޔަކުވަނީ މަގުތަކަށް ނުކުމެފައެވެ.

ތޮއްޑޫގައި މިއަދު ކުރިއަށްދިޔަ ޕެރޭޑުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ.

އެމްއެންޑީއެފްއިން މާދަމާ ހަވީރު އއ.އުކުޅަހުގައި ވެސް ޕެރޭޑެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފްއިން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ އަދި އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ.

އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުން ހުރީ، ވަގުތު ލިބުނު ވަރަކުން އަތޮޅުތަކަށް ދަތުރުކޮށް، ރަށްރަށުގެ މީހުންނަށްވެސް މިފަދަ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.