ޚަބަރު

އަނިޔާވެރިކަމުގައި ހައްދުފަހަނަ އެޅިވަރަކަށް ލިބޭ ވޭން ބޮޑުވާނެ: ޚުޠުބާ


އަނިޔާވެރިކަމުގައި ހައްދުފަހަނަ އެޅިވަރަކަށް، އެމީހަކަށް ލިބޭ ވޭން ބޮޑުވާނެ ކަމުގައި ވިދާޅުވެ، އަނިޔާވެރި ޢަމަލުތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ޚުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ "އަނިޔާވެރިންނަށް މާތްﷲ މުހުލަތެއް ދެއްވަތެވެ." މިމައުޟޫގެ މައްޗަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިއަދު ދެއްވި ޚުކުރު ޚުތުބާގައި ވިދާޅުވީ އިސްލާމްދީނުގައި ހުރިހާ މާނައެއްގައިވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައިވާކަމަށެވެ. އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަޚުލާގީ ގޮތުން ހުތުރު ސިފައެއްކަމަށްވާތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އިންސާނާގެ ނަފްސުގެ އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭ ކަމަކަށް އަނިޔާވެރިކަން ވާއިރު، އުއްމަތްތައް ހަލާކު ކުރެއްވުމުގެ ސަބަބަކީވެސް މިއީކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"މުސްލިމު އަޚުންނޭވެ، ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ އަނިޔާވެރިންނަށާއި، ފާސިދުންނަށާއި، އެކަލާންގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާންގެއެވެ. ނަމަވެސް މާތްﷲ އެއުރެން ކުރާ އަނިޔާތަކާއިމެދު އިހުމާލުގެ ޢާފިލުވެ ވޮޑިގެން ނުވެތެވެ. އަނިޔާވެރިޔަކު މީހަކަށް ހަމަ އަނިޔާކުރާ އިރަށް އެމީހަކަށް އުޤޫބާތުވެސް ނުދެއްވާނެތެވެ. ބައެއް ފަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތަޢުބާ ވުމަށްޓަކައެވެ. އަނެއްބައިފަހަރަށް އޭނައަށް އުޤޫބާތު ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ ދުނިޔެއަކީ ޖަޒާ ދެއްވުމުގެ ގޮވައްޗެއް ނޫންކަމަށެވެ. ޖަޒާ ދެއްވުމުގެ ގޮވައްޗަކީ އާޚިރަތް ދުވަސް ކަމުގައި ހުތުބާގައި ވިދާޅުވިއެވެ. އަނިޔާވެރިންނަށް ދުނިޔެ މަތީގައި މުހުލަތު ދެއްވަނީ އެމީހުންގެ އަނިޔާވެރިކަމުގައި އިތުރަށް ދިއުމަށްޓަކައިކަމަށާއި، އެމީހުން އުޅޭތަނެއް ނުވަތަ ރަށެއް ނުވަތަ ޤައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނި ވުމަށްޓަކައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ހުތުބާގައި ވިދާޅުވީ މާތް ﷲގެ ސުންނަތުގެ ތެރޭގައި އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު އިމްތިހާނު ކުރައްވާކަމަށާއި، އެއީ އެއްބަޔަކު އަނެއްބަޔަކަށް އިމްތިޚާނެއް ކަމުގައި ލެއްވުންކަމަށެވެ.

މުސްލިމުންގެ އަޤީދާ ބަލިކަށި ކުރުމަށްޓަކައި މީސްތަކުންނާއި މާތްﷲ އާއި ދެމެދުވާ ގުޅުންތައް ހީނަރު ކުރުމަށްޓަކައި އަދުއްވުން ތާއަބަދު މަސައްކަތް ކުރަމުންދާކަމަށް ހުކުރު ހުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. މިފަދަ ފަރާތްތަކުން އެކި ދުވަސްތަކުގައި އެކި ޝިއާރުތައް އުފުލައިގެން މިމަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން އަނިޔާވެރިންނަށް އަދަބު ނުދެއްވާ ވާހަކައާއި އަނިޔާވެރިންނަށް އޯގާވެރިވެވޮޑިގަންނަވާ ވާހަކައަކީ މިބާވަތުގެ ވާހަތަކުގެ ތެރޭގައި އަންނަ ވާހަކަތަކެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މިފަދަ ނުބައި ފާސިދު ވާހަތަކުން ސަލާމަތްވެވޭނީ މާތްﷲ އަންގަވާފައިވާ ގޮތަށް އަޤީދާ ރައްކާތެރި ކޮށްގެން ކަމުގައި ޚުތުބާގައި ވިދާޅުވިއެވެ. އެހެންކަމުން ދަރީންނަށް އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ރަނގަޅަށްދީ ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް މިކަންކަމަށް ސަމާލުކަންދީ، އިސްލާމީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.