ޚަބަރު

ޑޮލަރުން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް


މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާރާއި އަޅާބަލާއިރު %51.1 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީރާއިން އާންމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޑޮލަރުން ދައުލަތަށް ލިބިފައިވަނީ 122.98 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އަދި މިއަހަރު ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 185.83 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާބަލާއިރު %51.1 އިތުރު ޢަދަދެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ރިސޯޓް ކުލީގެ މުއްދަތު އިތުތުކުރުމުގެ ފީއާއި، ޓީޖީއެސްޓީއާއި އާމްދަނީން ނަގާ ޓެކްސްއާއި އެއަރޕޯޓް ޓެކުހާއި ފީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވެފައިވުމެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީގެ %39.2 ހިއްސާކުރަނި ޓީޖީއެސްޓީން ލިބުނު އާމްދަނީއެވެ. އެގޮތުން، އަހަރުގެ 3 ވަނަ ކުއާޓަރުގައި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ 8.50 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާބލާއިރު %27.7 އިތުރު އަދަދެކެވެ. އަދި ރިސޯޓުކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ރިސޯޓްކުލީގެ ގޮތުގައި ދައުލަތަށް ވަނީ 1.40 މިލިއަން ޑޮލަރު ލިބިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާބަލާއިރު، %45.4 ދަށް އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ %52.8 ހިއްސާކުރަނީ ޑޮލަރުން ލިބުނު އާމްދަނީއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1،48،1687 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1،14،8218 އަޅާބަލާއިރު %29 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވެރެޖްކޮށް ކޮންމެ ދުވަހަކު 4،463 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ވަނީ 1،90،350 ފަތުރުވެރިންނެވެ.