ޚަބަރު

މުސާރަ ބޮޑުނުވާނެ އެންމެ މުވައްޒަފެއްވެސް ނުހުންނާނެ: ނަސީމް


ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާއިރު، މުސާރައަށް ކުރިއެރުން ނުލިބޭނެ އެއްވެސް މުވައްޒަފެއް ނުހުންނާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އަންނަ އަހަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު ޢަދަދެއް ކަނޑައަޅާފައި ވަނީ ސިއްޙީ ދާއިރާއަށެވެ. އެއީ ސިއްޙީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމްކުރުމުގެ އިތުރުން އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތަކަށް 5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސަރައަށް އެކަނި 2.4 ބިލިއަން ރުފިޔާކަނޑައަޅާފައިވާއިރު 500 މިލިއަން ރުފިޔާއަކީ މުވައްޒަފުންގެ މުސާރައަށް ބޮޑުކުރުމަށް ކަނޑައަޅާފައިވާ ޢަދަދެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން ބޮޑުކުރައްއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދިި މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާއިރު، މުސާރައިގެ ކުރިއެރުން ނުލިބޭނެ އެއްވެސް މުވައްޒަފަކު ނުހުންނާނެކަމަށާއި، އެންމެ ދަށް މަޤާމުތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަޤީން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން މި ހުރިހާ ކަމެއް ކާމިޔާބު ވާނެކަމަށް. އެއްވެސް ޝައްކެއް ނެތް މިކަން ޕޭހާމަނައިޒޭޝަންގެ ދަށުން ވެގެންދާނެކަން." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސިއްޙީ ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުން ތިބިކަން ފާހަގަކުރައްވާ، މުސާރައަށް އަންނަ ހެޔޮ ބަދަލާއެކު އެ މުވައްޒަފުންނަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ސިއްޙީ ދާއިރާގެ ހުރިހާ މުވަޒއްޒަފުންވެސް އުއްމީދުގައި ތިބުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ އުއްމީދަނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެންވެސް މީގެ ތެރޭގައި ހިމެނޭނެކަމަށް. އެއީ ހަމައެކަނި ޑޮކްޓަރުންނާ ނަރުހުނެއް ނޫން ސިއްޙީ ދާއިރާއަކީ. ސިއްޙީ ދާއިރާއަކީ ހަމަ މޭޒު ކައިރީގައި މީހުންގެ ނަން ނޯޓުކުރަން ތިބޭ މީހުންނާ ހުރިހާ އެންމެންވެސް މީގެ ތެރޭގައި ހިމެނޭ. އަޅުގަނޑަށް ވެވުނު އެންމެ އިންސާފުވެރިކޮށް މަސައކަތްކުރާނަން މިކަން ކުރެވޭތޯ." މިނިސްޓަރ ނަސީމް ވިދާލުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ މުސާރަ އެއްހަމަ ކުރުން ނުވަތަ ޕޭހާމަނައިޒްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ދަށުން އެންމެ ފުރަތަމަ ބޮޑުކުރީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައެވެ. އޭގެ ފަހުން ދެން އެންމެ އަވަހަށް ބޮޑުކުރާނީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި އެ ދާއިރާގެ ފަންނުވެރިންގެ ޚިޔާލުތައް ހޯދާ ނިމިފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.