ޚަބަރު

އަކްޝޭއަށް އިހްތިރާމްކޮށް ވަރުން "ހީރާ ޕެރީ 3" ދޫކޮށްލައިފި


އަކްޝޭއާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލާއެކު ގެނެސްދެމުން އަންނަ ފްރެންޗައިޒް ފިލްމު "ހީރާ ޕެރީ" ގެ 3 ވަނަ ބައި އުފައްދާނެ ކަން އިޢުލާނުކުރީއްސު،ރެ އެ ފިލްމާއި ބެހޭ އެތައް ވާހަކަތަކެއް އަންނަނީ ސުރުޚީތަކަށް އަރަމުންނެވެ.

އެގޮތުން އަކްޝޭ މި ފިލްމު ދޫކޮށްލި ވާހަކަ އާއި އަކްޝޭގެ ބަދަލުގައި ކާތިކް އާރިޔަން ހަމަޖެއްސި ވާހަކަ އަކީ މި ފިލްމާއި ބެހޭގޮތުން އިވުނު ޚަބަރުތަކެވެ. މި ފިލްމު ޑައިރެކްޓުކުރަން އަނީސް ބަޒްމީ އަށް ހުށަހެޅި ނަމަވެސް އޭނާ އަދި އެކަމަށް އެއްބަހެއް ނުވެއެވެ.

ފިލްމުގެ ކާސްޓިންގ އާއި ބެހޭ ގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަކްޝޭ ފިލްމު ދޫކޮށްލުމުން މީގެ ޕްރޮޑިއުސަރުން ކަމުގައިވާ އާނަންދް ޕަންޑިތް އާއި ފީރޯޒް ނަދިއާދްވާލާ އެ ރޯލު ދެން ހުށަހެޅި ކޮމެޑީ ފިލްމުތައް އާންމުކޮށް ކުޅޭ އެކްޓަރު ވަރުން ދަވަން އަށެވެ. އަދި ވަރުންގެ ބައްޕަ ޑައިރެކްޓަރު ޑޭވިޑް ދަވަން އަށާއި އޭނާގެ ބޭބެ ރޯހިތް ދަވަން މި ފިލްމުގެ ޑައިރެކްޝަން ހުށަހެޅިއެވެ.

ނަމަވެސް ވަރުން ވަނީ މި ފިލްމު ދޫކޮށްލާފައެވެ. މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވަރުން މި ފިލްމު ދޫކޮށްލީ އަކްޝޭ އަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. "ހީރާ ޕެރީ" ގެ ދެ ފިލްމަކީވެސް ބްލޮކްބާސްޓާ ފިލަމުތަކެކެވެ. ނަމަވެސް އަކްޝޭ ފަށާފައި އޮތް އެއްޗެއް ކުޅެން ވަރުން ބޭނުން ނުވީ އަކްޝޭއަށް ކުރާ އިހްތިރާމެއްގެ ބޮޑު ކަމުންނެވެ. ވަރުން އާއިއެކު ޑޭވިޑް ވަނީ އެ ފިލްމުގެ ޑައިރެކްޝަން ދޫކޮށްލާފައެވެ.

"ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ވަނަ އަހަރު އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަން އެވެ. ދެވަނަ ބައި ހެދީ ނީރަޖް ވޯރާ އެވެ.