ޚަބަރު

ހެއިލީގެ ބަނޑުގައި ސިސްޓެއް، ބުނަނީ މަޖާކަމެއް ނޫންކަމަށް


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން އަދި މޮޑެލް ހެއިލީ ބީބާ އަށް ސްޓްރޯކެއް ޖެހުނު ކަމަށް މީޑިއާތަކުން ރިޕޯޓުކުރީ މިއަހަރުގެ މާޗް މަހުއެވެ.

އޭގެފަހުން ހެއިލީ އަށް މިހާރު ދިމާވެފައިވާ މައްސަލައަކީ ބަނޑުގައި ސިސްޓެއް އުފެދިފައި ވުން ކަމުގައި އޭނާ ބުނެފިއެވެ. ހެއިލީ ބަނޑު ބޮޑު ކަމަށް މިދިޔަ އަހަރެއް ދުވަހު ދެއްކި ވާހަކަ އޭނަ އަބަދުވެސް އައީ ދޮގު ކުރަމުންނެވެ.

ހެއިލީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ގޮތުގައި އޭނާގެ ބަނޑުގައި ވަނީ އާފަލެއް ވަރުގެ ސިސްޓެއް އުފެދިފައެވެ. އޭނާ އަކީ ޕޮލިސިސްޓިކް އޯވަރީ، ޕީސީއޯއެސް ބަލި ހުންނަ މީހެއް ނޫންކަމަށް ހެއިލީ ބުނެފައިވެއެވެ. އަދި މިއީ މަޖާ ކަމެއް ނޫން ކަމަށްވެސް ހެއިލީ ބުންޏެވެ. މިކަމުގެ ސަބަބުން ހޮނޑުލަވާ ގޮތްވެ ބަނޑަށް ތަދުވާ ކަމަށްވެސް ހެލީ ވަނީ ބުނެފައެވެ.

މީގެކުރިން ހެއިލީ އަށް ޖެހުނު ސްޓްރޯކް ޖެހުނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެންނެވެ.