ޚަބަރު

ވިކީ ކޯޝާލްގެ "ސޭމް ބަހާދޫރު" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި


ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، މެގްނާ ގުލްޒާރު ޑައިރެކްޓުކޮށްފައިވާ ފިލްމު "ސޭމް ބަހާދޫރު" ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ވިކީ ކޯޝާލްއެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ އަސްކަރީ ބަތަލެއް ކަމަށްވާ ސޭމް މަނެކްޝޯ ނުވަތަ މަޝްހޫރު ނަމުން ނަމަ ސޭމް ބަހާދޫރުގެ މައްޗަށް އުފައްދާފައިވާ ބަޔޯ ޕިކެކެވެ.

މި ފިލްމަކީ މެގްނާ ޑައިރެކްޓުކޮށް 2018 ވަނަ އަހަރު ދެއްކި "ރާޒީ" ގެ ފަހުން ވިކީ މެގްނާ އާއިއެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

މިދިޔަ އަހަރު ޑައިރެކްޓަރު ޝޫޖިތު ސިރްކާ ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް" އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ޝޭރު އުދަމް ސިންގްގެ ރޯލު ވިކީ ކުޅުނު ފިލްމެކެވެ. އެ ފިލްމުން ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރަށް ފިލްމުފެއާގެ ކްރިޓިކްސްގެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.

"ސޭމް ބަހާދޫރު" ގެ ވާހަކަ ބިނާކޮށްފައިވާ ސޭމް ބަހާދޫރަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައު ކުރި ހަނގުރާމައިގެ ބަތަލެކެވެ. އޭރު އޭނަ އަކީ އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާއެވެ.

"ސޭމް ބަހާދޫރު" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި ފާތިމާ ސަނާ ޝައިހް ވެސް ހިމެނެ އެވެ. މީގައި ފާތިމާ ފެންނާނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ.

ވިކީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ކްރައިމް ކޮމެޑީ "ގޯވިންދާ ނާމް މޭރާ" އެވެ.