ޚަބަރު

ވާރލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޤަޠަރަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިމަހު ޤަޠަރަށް ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ މިހާރު ޤަޠަރުގައި ކުރިއަށްދާ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ޢީދު، ވޯލްޑް ކަޕް 2022 ގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް މިޢުވާން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ވަޑައިގަންނަވާނެ ސީދާ ދުވަހެއް ނުވަތަ ބައްލަވާލައްވާނެ މެޗެއް މިޢުވާން ވިދާޅެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނީ ފައިނަލް މެޗު ނުވަތަ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަށްކަމަށްވެސް މިޢުވާން ވިދާޅުވިއެވެ.

މި އަހަރުގެ ވޯލްޑްކަޕް ފެށީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މިހާރު ކުރިއަށްދަނީ ގްރޫޕްސްޓޭޖް މެޗުތަކެވެ. ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ގަތަރަށް ވަޑައިގެންފައެވެ.