ޚަބަރު

ބިއޯންޑް އެއަރލައިންނަށް މުވައްޒަފުން ހޯދަނީ


ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތަޢާރަފްކުރާ ދުނިޔޭގެ ފުރަތަމަ ލަގްޝަރީ އެއަރލައިން، ބިއޯންޑް އެއަރލައިންނަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެއަރލައިންނަށް ބޭނުންވާ ކެބިންކުރޫއިންނާއި، ކެޕްޓަނުން އަދި މެނޭޖަރ ލެވަލްގެ ގިނަ ވަޒީފާތަކަކަށް ވަނީ އިއުލާންކޮށްފައެވެ. ބިއޯންޑު އެއަރލައިންގެ އުދުހުންތައް އަންނަ އަހަރުކުރީކޮޅު ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ބިއޯންޑުގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއަރބަސް އޭ 320 ނިއޯ މަރުކައިގެ 68 ގޮނޑީގެ މަތިންދާ ބޯޓެވެ. މި ބޯޓުގައި ހުންނާނީ ބިސްނަސް ކުލާސްގެ ގޮނޑި އެކަންޏެވެ. މަތިންދާ ބޯޓުން ލިބެން ހުންނާނީ މިޝެލިން – ސްޓާ ޗެފުން ތައްޔާރުކުރާ ކެއުންތަކެވެ.

މަތިންދާ ބޯޓުގައި ފްރީ ވައިފައި ލިބެން ހުންނާނެއެވެ. އަދި އެއަރލައިނަށް ހާއްސަ އެއަރޕޯޓު ލައުންޖަކާއި، ބެގޭޖު ޗެކްއިންއަށް ވެސް ޙާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިހުންނާނެއެވެ.

އެއަރލައިން ފެށުމާއި ގުޅޭގޮތުން ސިމްޑީ ގްރޫޕުގެ މޭނެޖިންގް ޑިރެކްޓަރ މިޝަލް އިބްރާހިމް މުހައްމަދު ދީދީ މީގެކުރިން ވިދާޅުވެފައިވަނީ، ދިވެހި ރާއްޖެއިން ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިނެއް ތަޢާރަފް ކުރާއިރު ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. ބިއޯންޑުން ދަތުރުތައް ފެށުމަށް ނިންމާފައިވާ މަންޒިލްތަކުގެތެރޭގައި، ޕެރިސް، ވިއެނާ، މިލާން، ދުބާއީ، ހޮންގް ކޮންގް، ޓައިޕޭ އަދި ސިންގަޕޫރު ހިމެނެއެވެ.

ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން މިމަސައްކަތް ކުރިއަށްދާއިރު، އެކުންފުންޏަކީ ލުފްތަންސާ އަދި ޤަތަރު ފަދަ އެއަރލައިންތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަޤާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެއްކަމަށް ސިމްޑީން ބުނެއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕުން ދުނިޔޭގެ ފުރަތަމަ ލަގްޝަރީ ދަތުރުތަކަށް ޚާއްސަ އެއަރލައިން ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ފާއިތުވި 25 އަހަރު އެކުންފުނިން މަސައްކަތް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ޕްރޮޑަކްޓުތަކެއް ގެނެސްދީ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.