ޚަބަރު

ކިމް ދޫކޮށްލުމަށްފަހު ޕީޓް އެމިލީ ފަހަތުން


މަޝްހޫރު ސެލިބްރިޓީ ކިމް ކާޑޭޝިއަން އާއި 9 މަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ޕީޓް ޑޭވިޑްސަން ރުޅިވީ މިއަހަރުގެ އޮގަސްޓުމަހުއެވެ.

އޭގެފަހުން ޕީޓް އޭ ކިޔައިގެން މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކަ އަކީ އޭނާ އާ ލޯބިވެރިޔަކު ހޯދި ވާހަކައެވެ. ޕީޓްގެ އާ ލޯބިވެރިޔަކީ މޮޑެލް އަދި ބަތަލާ އެމިލީ ރަތަޖްކޯސްކީއެވެ. މި ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް މިހާރު ގަދަވެފައި ވަނީ އެމެރިކާގެ ނޭޝެނަލް ބާސްކެޓްބޯލް އެސޯސިއޭޝަން، އެންބީއޭ ގޭމްސް އިން ދެމީހުން އެކުގައި ފެނުމުންނެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ކިމްގެ އާއިލީ ޝޯވ "ދަ ކާޑޭޝިއަން" ގައިވެސް ވަނީ ދައްކާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޕީޓް އާއި ކިމް ރުޅިވި ނަމަވެސް ދެމީހުންގެ ރަހުމަތްތެރި ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

ދާދިފަހުން 29 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ޕީޓް ވަނީ އެނާގެ އުފަން ދުވަހު އެމީލީ އާއެކު އެމެރިކާގެ ނިއު ޔޯކް ސިޓީ އިންވެސް ފެނިފައެވެ. ޕީޓް އާއި އެމިލީ އެކަކު އަނެކަކަށް އެނގުނީ ދެމީހުން ގެ މިއުޗުއަލް ރައްޓެއްސެއްގެ ފަރާތުންނެވެ. އަދި އެމިލީ ކައިރިން ރައްޓެހިވާން އެހީ ޕީޓް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމިލީގެ މި ގުޅުމުގެ ވާހަކަ ފެންމަތިވެފައި މިވަނީ 4 އަހަރު އެކުގައި އުޅުމަށްފަހު ކުރީގެ ފިރިމީހާ ސެބެސްޓިއަންގެ ކައިރިން ވަރިވެފައި ވަނިކޮށެވެ. މި ދެމީހުންގެ 2 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.