ކުޅިވަރު

އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް، ދެވަނަ ޓީމަކަށް ޕޯލަންޑް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެވަނަ ޓީމުގެ ގޮތުގައި ޕޯލަންޑުވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.

މި މެޗަށް ނުކުތްއިރު، ގްރޫޕް ސީގެ އެއްވަނަ ޓީމަކަށް އޮތީ ޕޯލަންޑެވެ. އަދި މި ގްރޫޕްގެ ހުރިހާ ޓީމަކަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތެވެ.

ބުދަ ދުވަހުގެރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ޕޯލަންޑާ ވާދަކޮށް އާޖެންޓީނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އާޖެންޓީނާއިން ވަނީ ޕޯލަންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އާޖެންޓީނާގެ ހަމަލާތައް ހުއްޓުވުމުގައި ޕޯލަންޑްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނުގެ ފުރުސަތެއް ލިބުނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށެވެ. ޕޯލަންޑްގެ ކީޕަރު ޝެޒްނީ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ މެސީ ފޮނުވާލިއިރު، ޝެޒްނީ ވަނީ މެސީގެ ޕެނަލްޓީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 46 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލިކްސެސް މެކް އެލިސްޓާއެވެ.

މި ލަނޑަށްފަހު ވެސް އާޖެންޓީނާއިން ދިޔައީ ފުލުފުލުގައި ޕޯލަންޑްގެ ގޯލަށް ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މެސީ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ޕޯލަންޑްގެ ކީޕަރު ޝެޒްނީއެވެ. މެޗުގެ 67 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖުލިއަން އަލްވަރޭސްއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ގްރޫޕް ސީގައި މެކްސިކޯއިން ސައުދި އަރަބިއްޔާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މެކްސިކޯއިން ސައުދީގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ ފުރަތަމަ ހާފުގައިވެސް މެކްސިކޯއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ސައުދީގެ ޑިފެންޑަރުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެންރީ މާޓިންއެވެ. އަދި އޭގެ ފަހުން މެޗުގެ 52 ވަނަ މިނެޓުގައި މެކްސިކޯއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ލުއިސް ޗާވޭޒް ޖަހައިދިން ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި ސައުދީން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ސަލަމާން އަލް ދާސަރީއެވެ.

މި ނަތީޖާތަކާއެކު އާޖެންޓީނާއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕޯލަންޑަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މެކްސިކޯއަށްވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ޕޯލަންޑަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާއިން ނުކުންނާނީ ގްރޫޕް ޑީގެ ދެވަނަ ހޯދި އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. އަދި ދެވަނަ ބުރުގައި ޕޯލަންޑް ނުކުންނާނީ ގްރޫޕް ޑީގެ އެއްވަނަ ފްރާންސްއާ ދެކޮޅަށެވެ.