ޚަބަރު

އަންހެނުން ބާރުވެރިކުރުމަށް ދޭ ވިމް އެވޯޑް މިއަހަރު 45 މީހަކަށް


އެކި ދާއިރާތައް ތަރައްޤީކުރުމަށް އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ ވިމް އެވޯޑް މިއަހަރު 45 މީހަކަށް ދީފިއެވެ. މިފަހަރުގެ ވިމް އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

"4ވަނަ ވިމް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް 2022" ޙަފްލާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. ވިމެން އިން މެނޭޖްމަންޓް އެވޯޑްގައި ވަޒީފާގެ ދާއިރާއިންނާ، އިޖްތިމާޢީ އެކި އެކި ރޮނގުތަކުން އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެވޯޑްދީފައިވެއެވެ. މީގެތެރޭގައި ޖިންސުގެ ހަމަހަމަކަން ޤާއިމުކޮށް، އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

މިއަހަރުގެ މިއެވޯޑް 45 މީހަކަށް ދީފައިވެއެވެ. އެގޮތުން ކުޅިވަރާއި، ސިއްޙަތާއި، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކާއި އަދި މުޖުތަަޢަށް ލާބައާއި މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ދާއިރާއިން ވަނީ އެވޯޑް ދީފައެވެ.

މިފަހަރުގެ ވިމް އެވޯޑްގައި ވަނީ އިތުރު 3 ކެޓަގަރީ އިތުރުކޮށްފައެވެ. އެއީ ޕަވަރިން ޖެންޑަރ އީކުއަލިޓީ، އިންޓަނޭޝަނަލް ވުމަން އޮފް ދި ޔިޔަރ އަދި އެކްސްޕެކްޓްރިއޭޓް އެވޯޑެވެ. އެކްސްޕެކްޓްރިއޭޓް އެވޯޑަކީ، ރާއްޖެއަށް މުހިންމު ދާއިރާތައް ކުރިއެރުވުމުގައި، ރާއްޖެއިން ބޭރުގައި ދިވެހިން އަދާކުރާ ދައުރާއި، ރާއްޖޭގައި ބޭރުމީހުން އަދާކުރާ ދަޢުރު ފާހަގަކޮށް ދިން އެވޯޑެކެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

ވިމެން އިން މެނޭޖްމަންޓަ މޯލްޑިވްސްއަކީ، ސްރީލަންކާގެ ޖަމިއްޔާއެއްކަމަށްވާ، ވުމަން އިން މެނޭޖްމަންޓާއި ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ވިމްގެ ރައީސް މިންހާ ފާއިޒް ރަޝާދު ވިދާޅުވީ ވިމްއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމަޢުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމަށްކަމަށެވެ. ޚާއްސަކޮށް އެމީހުން ކުރާ މަސައްކަތަކީ މުޖުތަމަޢު ބަލައިގަންނަ، ހިތްވަރު ލިބިގެން ކުރިއަށްދާ ބަޔަކަށް ހެދުމަށް ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ.

"މިފަހަރުގެ އެވޯޑްގައި، ރާއްޖެއިން ބޭރުގައި ދިވެހި އަންހެނުން ހޯދަމުންދާ ކާމިޔާބީއަށްވެސް ބަލާފަވާނެ. ކުރިއަށް ހުރި އަހަރުތަކުގައި މި އެވޯޑް އިތުރަށް ފުރިހަމަވާނެ." މިންހާ ވިދާޅުވިއެވެ.

މިއީ ވިމް އެވޯޑް ދޭ 4ވަނަ އަހަރެވެ. މި އެވޯޑް މީގެކުރިން ރާއްޖޭގެ 128 އަންހެނަކަށް ލިބިފައިވެއެވެ. މި އެވޯޑްގެ ޒަރިއްޔާއިން، ބައިނަލްއަޤްވާމީ އެހެން އެވޯޑްތަކަށްވެސް ދިވެހި އަންހެނުން ވާދަކޮށް އަންނަނީ ކާމިޔާބު ހޯދަމުންނެވެ.

ވި ރަސްމިއްޔާތުގައި ވިމްއިންވަނީ، ކޮލަމްބޯގެ ޔުނިވަރސިޓީއަކުން ދިވެހިންނަށް، ޓުއަރިޒަމާ މެނޭޖްމަންޓް ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.