ޚަބަރު

އާރަށު މައްސަލައިގެ ޚުލާސާ ބަޔާން ނިމިއްޖެ، ހުކުމް އަންނަ މަހު


ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރުމުގެ ޝަރީއަތް އެއްމަސް ދުވަހުގެތެރޭގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށް ކުރިއަށްދިޔަ މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި، ދިފާއުންވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.

ވ.އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވިކަމަށެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ޚުލާސާ ބަޔާނުގައި ދައުލަތުގެ ފަރާތުންވަނީ މިމައްސަލާގައި ދައުލަތުން ހުށަހެޅި ކަންކަމާއި، ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ވާހަކަ ދައްކާފައެވެ. މިމައްސަލާފައި ދިފާއުން ހުށަހެޅި ހެކިތަކާއި ގުޅިގެން ދައުލަތުން ވިދާޅުވީ އެހެކިތަކަކީ ދައުވާއިން ސަލާމަތްވާން ހުށަހަޅާފައިވާ އެއްވެސް ހަގީގަތެއް ނެތް، އުފައްދާފައިވާ ހެކިތަކެއް ކަމުގައެވެ. މިމައްސަލާގައި ދައުވާ ރައްދުވާ ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އާރަށް ވަކި މީހަކަށް ކުއްޔަށްދޭން ކުރި ކަމެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށެވެ. އަދި ރައީސް ޔާމީނަކީ ސިޔާސީ ބޭފުޅަކަށްވުމުން ސިޔާސީ ގޮތުން ލިބޭ ފައިސާއަކީ އޭގެ ތަފްސީލް ދޭންޖެހޭ އަދި ހާމަކުރަންޖެހޭ ފައިސާތަކެއް ނޫންކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވުމަށްފަހު މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލަ އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މިމައްސަލައިގައި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވުނު ޝަރީއަތުގެ އަޑުއެހުންތަކުގައި 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިމައްސަލައިގެ ހުކުމުގެ ކުރިން ބައްވާ އެންމެ ފަހު އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ޤާޒީ ވިދާޅުވީ ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ކަމަށެވެ. މި މަޖިލިސް ޤާނޫނުގައި ކަނޑައަޅާފައިވާ އެއްމަސް ދުވަހުގެ ތެރޭގައި ބާއްވާނެކަމަށް މައްސަލަ ބައްލަވާ ޤާޒީ ވަނީ ވިދާޅުވެފައެވެ.