ޚަބަރު

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑަށް ދެ މެންބަރުން


ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުން އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑުގެ ފަރާތުން، ފަހި ދިރިއުޅުން ކޯޕަރޭޝަންއަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ މއ.އަކިރިފުށި ދެކުނުބައި ނަޖީލް އަޙްމަދު އާއި، މއ.އެރިޒޯނާ މަރިޔަމް ނާޡިމާއެވެ.

މި ދެ ބޭފުޅުން މަޤާމަށް އައްޔަންކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑު(ޕީސީބީ)ގެ ރައީސް އާޞިމް މުޙައްމަދުއެވެ.

ބޯޑަށް އައްޔަންކުރެއްވި މަރިޔަމް ނާޒިމާ މިހާރު އަދާކުރައްވަމުންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމެވެ. މަރިޔަމް ނާޒިމާ އޭގެ ކުރިން ވަނީ އެމްޕްލޯއިމަންޓް ޓްރައިބިއުނަލް އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ. ނާޒިމާ ވަނީ ހިއުމަން ރިސޯސް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ބެޗެލަރސް އޮފް ކޮމާސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ޙާސިލްކުރައްވާފައިވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑަށް ނާޒިމާ އައްޔަންކުރެއްވީ އެ ބޯޑުގައި ކުރިން ހުންނެވި ރިޔާޟް މަންޞޫރުގެ ބަދަލުގައެވެ.

ބޯޑަށް އައްޔަންކުރެއްވި ނަޖީލް އަޙްމަދުއަކީ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ނަޖީލް އަޙުމަދު ދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަޤާމު އަދާކުރައްވަމުންނެވެ.

ބޯޑު މެންބަރުކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ޕީސީބީން ކުރިއަށް ގެންދިޔަ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންޝަލް އަދި ގަވަނަންސް ރިވިއުތަކުން ފާހަގަވި ކަންކަން ޙިއްސާކޮށްފައެވެ.