ޚަބަރު

އެއިޑްސްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުތާ 31 އަހަރުތެރޭ 39 ކޭސް


އާބާދީގެ ގޮތުން ކުޑަ ރާއްޖޭގެ މުޖުތަމަޢުގައިވެސް އެއިޑްސް ބައްޔަށް މަގުފަހިވާ ނޭދެވޭ އެތައް އާދަތަކެއް ހަރުލާފައިވުމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާއިން ފާހަގަކުރެއެވެ. ފުރާނައަށް ނުރައްކާވެދާ މިބަލިން ސަލާމަތްވުމަށް ރައްކާތެރިކަމަށް ސަމާލުވުމާއެކު ޓެސްޓުކުރުމަށް ސިއްޙީ އިދާރާއިން އިރުޝާދުދެއެވެ. މިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރަމުން އަންނައިރު މިއަދަކީ މިއަހަރު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަހެވެ.

އެއިޑްސް ބަލީގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު މިދުވަހުގެ ޝިއާރެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ "ރޮކް ދަ ރިބަން" މިޝިއާރެވެ. މިދުވަސް ރާއްޖޭގައި ރަސްމީކޮށް މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ގއ.ވިލިނގިލީގައެވެ. މިދުވަހާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި އެންމެ ބޮޑަށް އިސްކަންދޭންވީ ބަލިން ސަލާމަތްވުމަށް ދުރާލައި ބަލި އަރާފަދަ އާދަތަކުން ދުރުހެލިވުމެވެ.

ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމުގައި ސިރިންޖު ބޭނުންކުރުންފަދަ ނޭދެވޭ އެތައް ކަމެއް މުޖުތަމަޢުގައި އިތުރުވަމުން ދިޔުމަކީ މިބަލި މުޖުތަމަޢުގައި އިތުރުވަމުން ދިޔުމުގެ މެދުވެރިވާ ސަބަބުތައް ކަމަށް ހެލްތުން ވިދާޅުވެއެވެ. ކޯވިޑްގެ ތެރޭގައ ބަލި އިތުރުވުމުގެ ފުރުސަތު އޮތްކަމަށް އޭރު މިނިސްޓްރީއިންވަނީ ލަފާކޮށްފައެވެ.

މިބަލި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ހެލްތު މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާގޮތުގައި މިދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 39 އަކަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 33 ފިރިހެނުންނެވެ. އަދި މީގެތެރެއިން 15 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. އަދި މިހާރުވެސް 22 މީހަކު މިބައްޔަށް ފަރުވާކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

އެއިޑްސް ބައްޔަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. މިއީ މުޅި ދުނިޔޭގައިވެސް ހިލޭ ފޯރުކޮށްދޭ ފަރުވާއެކެވެ. 2004ވަނަ އަހަރުން ފެށިގެން މިފަރުވާ އަންނަނީ ރާއްޖޭގައިވެސް ދެމުންނެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ މިބަލިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ރާއްޖެއިންވެސް ދެމުން އަންނަ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމުގެ ގޮތުން ބައްޔަށް ޓެސްޓުކުރުމަށް އިސްކަންދިނުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.