ޚަބަރު

ކާފަގެ އެހީތެރިކަމާއެކު ހައިކަލް ހެދި ކާރަށް ގިނަ ބައެއްގެ ސަމާލުކަން!


ރާއްޖެއަކީ ކުޑަކުޑަ ގައުމެއްނަމަވެސް ޒުވާނުންވާ ކުޑަކުދިންގެ އުފެއްދުންތެރިކަމުގެ ހިޔާލު ގިނައެވެ. އެހެންނަމަވެސް އެފަދަ ހިޔާލުތަކާ އެއްގޮތައް އެއްޗެއް އުފެއްދި ވުޖޫދަށް އަންނަނީ މަދުފަހަރަކުއެވެ. ވަކިން ހާއްސަކޮށް ޓެކްނޮލޮޖީ އާއި އިންޖިނިއަރިންގެ އައު ހިޔާލުތަކަށް އެއްޗެއް ފަރުމާކުރެވި ފެންނަލެއް މަދެވެ. އެއީ އެފަދަ ކަންކަމަށް އެންމެ ރަނގަޅު ފުރުސަތުތައް ރާއްޖޭގައި ނޯންނާތީކަމަށްވެސް ވެދާނެއެވެ. އެކަމު މިފަދަ އުފެއްދުންތައް މަދުންނަމަވެސް މިކުޑަކުޑަ ގައުމުން ފެނަކަމީ ދިވެހިންގެ ޙުނަރު އެކަމަށް ހުންނަކަން ދައްކުވައިދޭކަމެވެ.

އދ.ދަނގެތީ ކުޑަކުއްޖަކު އުފެއްދި ކާރެއްގެ ފޮޓޯތައް މިހަފްތާގެ ތެރޭގައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މިހާރު އުމުރުން އެންމެ 16 އަހަރުގެ ދިވެހި ކުއްޖަކު އަމިއްލަ ވިސްނުމާއި އެއްގޮތަށް ކާރެއް ތައްޔާރުކޮށް ދުއްވަންފެށި ފޮޓޯ ތަކާއެކު ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

މިއީ އދ.ދަނގެއްޗައް އުފަން ހައިކަލް ހަސަން އޭނާގެ އަމިއްލަ ވިސްނުމަށް ތައްޔާރުކުރި އެއްގަމު އުޅަނދެކެވެ. ދަނގެތި ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ ހައިކަލް ބުނިގޮތުން އޭނާ އެންމެ ކުޑައިރުންސުރެ މިފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރެއެވެ. އެއީ ހައިކަލްގެ އާއިލާ އެންމެނަކީ މިފަދަ މަސައްކަތް ކުރާ ބަޔަކަށްވީމައެވެ. ހައިކަލްގެ ބައްޕައަކީ އިންޖިނިއަރެކެވެ. އިންބޯޑް އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކާވެސް ފަރާތެއްމެއެވެ. ކަފާއަކީވެސް އިންޖީނުގެ މަސައްކަތް ކުރާފަރާތެކެވެ.

އިންޖިއަރިންގެ ދާއިރާއަށް ޝައުގު އުފެދުނު ގޮތް ކިޔައިދެމުން ހައިކަލް ބުނީ ކުޑައިރު އޭނާގެ ބައްޕަ އަބަދުވެސް ވޯކްޝޮޕްގައި އިންޖީނެއް ރޫޅައިގެންް މަސައްކަތް ކުރާކަމަށާއި، އެތަނަށްގޮސް އުޅޭއިރު އިންޖީނުގެ ބައިތަކާއި ރާވާގޮތާއި، ބޯލްޓާ ނަޓު އެޅުވުން ފަދަ ކަންކަން ކާފަ އާއި ބައްޕަ ކިޔައިދޭކަމަށެވެ. އަމިއްލައަށް ވެލްޑިން ކުރަން އެނގޭ ހައިކަލް ބުނީ ކާރުގެ ކުޑަކުޑަ މަސައްކަތް ފިޔަވައި ހުރިހާ މަސައްކަތެއް ކުރީ އޭނާ އަމިއްލައަށްކަމަށެވެ.

"ބައްޕަ އުޅެނީ މާލޭގައި، ހައިކަލް އުޅެނީ ކާފައާ މާމަ ކައިރީގައި، ދެން ކާފަ ވަރަށް އެޙީތެރިވާނެ ހުރިހާކަމެއްގައިވެސް އަދި މިކަމަށް ޝައުގު އުފެދި މަސައްކަތް ފެށުމުން ކާފަ ބަރާބަރަށް މޮނިޓަރކޮށް ހިޔާލުދިން" ހައިކަލް ބުންޏެވެ.

ކާފަ އާއި މާމަ ކައިރީގައި ދިރިއުޅޭ ހައިކަލް ބުނީ މި ކާރުގެ ޑިޒައިން އެންމެ ވައްތަރު ވަނީ "ގޯ ކާޓް" އަކާއި ކަމަށެވެ. ދެމީހަކަށް އެރޭ ގޮތަށް ހަދާފައިވާ މި އުޅަނދު ހެދުމަށް ބޭނުން ކުރީ ފެން ޕަންޕެއްގެ އިންޖީނަކާއި، ބަރޯއެއްގެ ފޮރޮޅަކާއި ނުހެދިފައި ހުރި ސައިކަލެއްގެ ގިއަރު ބޮކްސްއެކެވެ. އަބަދުވެސް އަމިއްލަ އުފެއްދުމެއް ވުޖޫދަށް ނެރެން ބޭނުންވާ ހައިކަލް ހެދި ގޯ ކާޓްގެ ވީލު ހަދާފައިވަނީ ކުޑަކުދިން ދުއްވާ 10 އިންޗި ބައިސްކަލެއްގެ ފުރޮޅެއް ބޭނުންކޮށްގެންނެވެ. ގެގަނޑު ހަދާފައިވަނީ އެސްއެސް ހޮޅިންނެވެ. ކާރުގެ އެހެނިހެން ބައިތައް ހަދާފައިވަނީ ދަނގަޑު ހޮޅި ބޭނުންކޮށްގެންނެވެ.

"އެންމެ ކުޑައިރުންސުރެ މި ކަހަލަ މަސައްކަތުގައި އުޅުނީމާ އެހާ އުނދަގުލެއްނޫން. މިކަން ކުރާކަށް ހިޔާލު ލިބި އެއްޗެހި ހުރީމާ ނިމުނީ ދެންޖެހޭނީ މަސައްކަތައް ވަގުތުދޭން، 10 ގައި ކިޔަވަމުންދާތީ ވަރަށް އުނދަގޫވޭ މިކަމަށް ގިނަވަގުތުދޭން އެހެން ހަމައެކަނި މި މަސައްކަތައް އެކަނި ވަގުތު ހުސްކޮށްގެން ކުރިނަމަ ހަފްތާއެއްހާ ދުވަސްތެރޭގައި މިކަން ނިންމާލެވޭނެ"

ހައިކަލް މިކާރު ހެދީ 3 ހަފްތާއިންނެވެ. ފަސް ގިއަރު ހިމެނޭ މި އުޅަނދު ގަޑިއަކު 30 މޭލަށް ދުވާކަމަށް ހައިކަލް ބުންޏެވެ. ހައިކަލް ބުނީ ފަސްވަނަ ގިއަރަށް ލައިގެން ދުއްވާލެވޭވަރުގެ ހަމަހަމަ މަގެއް ދަނގެތީގައި ނެތްކަމަށެވެ.

ސޯޝަލް މީޑިއާާގައި ދައުރުވަމުންދާ ހައިކަލްގެ ފޮޓޯތަކާ ވީޑިއޯތަކަށް ތައުރީފްގެ ބަސްތައް ދަނީ އޮހޮރެމުންނެވެ. ހައިކަލް ހެދި މިކާރުން އޭނާގެ ހުނަރު ހުރިކަން ސާބިތުކޮށްދީފިއެވެ. ހައިކަލްގެ އަމާޒަކީ މިއަށްވުރެ ރަނގަޅު އުފެއްދުމެއް ހެދުމެވެ. ހައިކަލް ބުނީ މިފަހަރު ހެދި ކާރުގައި މީޓަރު ނެތަސް ދެން ހަދާ މިފަދަ އުފެއްދުމެއްގައި މީޓަރާ ޝޮކްވެސް ހިމަނައި، މަގުތަކުގައި ދުއްވާ، މުދާ އުފުލޭވަރުވާނެކަމަށެވެ.