ޚަބަރު

8 އަހަރަށްފަހު ޖޭލޯގެ އާ އަލްބަމެއް


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް، ޖޭލޯ އާ އަލްބަމެއް އިޢުލާންކޮށްފިއެވެ.

އާ އަލްބަމެއް ނެރެން އުޅޭކަން ޖޭލޯ އިޢުލާންކޮށްފައި މި ވަނީ އަލްބަމެއް ނުނެރޭތާ 8 އަހަރު ފަހުންނެވެ. ކާމިޔާބު އަލްބަމްތަކެއް ނެރެފައިވާ ޖޭލޯގެ އާ އަލްބަމްގެ ނަމަކީ "ދިސް އިޒް މީ…ނައު" އެވެ. އަލްބަމް އަންނަ އަހަރު ނެރެން ނިންމާފައިވާއިރު، އޭގެ ޓްރެކް ލިސްޓްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

"ދިސް އިޒް މީ…ނައު" ގައި ހިމެނެނީ ޖުމްލަ 13 ލަވަ އެވެ. އެ ލަވަތަކަކީ "ދިސް އިޒް މީ..ނައު"، "ޓު ބީ ޔޯސް"، "ކާންޓް ގެޓް އިނަފް"، "ރީބައުންޑް"، "ނޮޓް ގޮއިން އެނީވެއާ"، "ޑިއާ ބެން ޕީޓީ ޓޫ"، "ހަމިންބާޑް"، "ހާޓްސް އެންޑް ފްލާވާސް"، "ބްރޯކެން ލައިކް މީ"، "ދިސް ޓައިމް އެރައުންޑް"، "މިޑްނައިޓް ޓްރިޕް ޓު ވެގަސް" އަދި "ގްރޭޓެސްޓް ލަވް ސްޓޯރީ ނެވާ ޓޯލްޑް" އެވެ.


އާ އަލްބަމް އަންނަ އަހަރު ރިލީޒްކުރަން ނިންމި ނަމަވެސް ނެރޭނެ ސީދާ ތާރީޚެއް ޖޭލޯ އަދި ހާމައެއްނުކުރެއެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ޖޭލޯ އެންމެ ފަހުން ނެރުނު އަލްބަމަކީ 2014 ވަނަ އަހަރު ނެރުނު "އޯލްސޯ ނޯން އޭޒް" އެވެ.

އޭނަގެ އާ އަލްބަމް "ދިސް އިޒް މީ…ނައު" ގެ ނަން ގުޅުވާފައި ވަނީ މީގެ 20 އަހަރު ކުރިން 2002 ވަނަ އަހަރުގެ ނޮވެމްބަރު 25 ގައި ނެރުނު "ދިސް އިޒް މީ…ދެން" އާ ގުޅުވައިގެންނެވެ. ޖޭލޯ މިހާތަނަށް ނެރުނީ 8 އަލްބަމެވެ. އޭނަގެ ފުރަތަމަ އަލްބަމަކީ 1999 ވަނަ އަހަރު ނެރުނު "އޮން ދަ 6" އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކްޓަރު ބެން އެފްލެކާއި ކައިވެނިކުރި 53 އަހަރުގެ ޖޭލޯގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ނެރުނު "މެރީ މީ" އެވެ. އޭނަގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އަންނަ ޖެނުއަރީ 27 ގައި ރިލީޒްކުރުމަށް ނިންމާފައިވާ "ޝޮޓްގަން ވެޑިން" އާއި އަންނަ މެއި އަށް ތާވަލުކޮށްފައި އޮތް "ދަ މަދާ" ހިމެނެއެވެ.