ޚަބަރު

ބާސާގެ އެންމެ ހަގު ސަޕޯޓަރަކަށް އާލިއާއި ރަންބީރުގެ ދަރިފުޅު


ދާދިފަހުން ކުއްޖަކު ލިބުނު ބޮލީވުޑް ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އަށް ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބާސެލޯނާއިން މަރުހަބާ ކިޔައިފިއެވެ.

ދެ ތަރިންނަށް ބާސާ އިން މަރުހަބާ ކިޔާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު ވިހޭ އަންހެން ދަރިފުޅުގެ ނަން މިދިޔަ ހުކުރު ދުވަހުގެ ރޭ، ފްރޭމްކޮށްފައިވާ ބާސެލޯނާ ކުޑަކުޑަ ޖާޒީއެއްގައި ދަރިފުޅުގެ ނަން އިޢުލާންކުރުމާއި ގުޅިގެންނެވެ. އެ ޖާޒީގެ ދަރިފުޅުގެ ނަން "ރާހާ" ޖަހާފައި އިން އިރު، އެ ފްރޭމް ހަރުކޮށްފައިވާ ތަނުގައި ދަރިފުޅާ އެކީ އާލިއާ އާއި ރަންބީރް ތިބޭ ތަން ފެނެއެވެ.


އާލިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އެ ޕޯސްޓް ބާސެލޯނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ޕޯސްޓްކޮށް އެ މީހުން ޓެގް ވެސްކޮށް މަރުހަބާ ކިޔާފައިވެއެވެ. އަދި އެއީ ބާސާ އަށް އުފަންވި އާ ސަޕޯޓަރެއް ކަމަށާއި ކޮންމެ ވެސް ދުވަހަކުން ޓީމުން އެ އާއިލާއާއި ބައްދަލުކުރަން ވެސް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ރަންބީރަކީ ބާސެލޯނާގެ ވަރަށް ބޮޑު ފޭނެކެވެ. އޭނާ ވަނީ މި ޓީމާއި މީގެކުރިން ބައްދަލުވެސްކޮށްފައެވެ.