ޚަބަރު

މޮގަދިޝޫގެ ހޮޓަލެއް ހިސާރުކުރި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އަށަކަށް


ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ދަ ވިލާ ރޯޒް ހޮޓަލަށް އަލް-ޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން ވަދެ، އެ ތަން ހިސާރު ކުރި ހާދިސާގައި ޢާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމުގައި ސޮމާލިޔާގެ ފުލުހުން ބުނެފިއެވެ. ފުލުހުން ވަނީ އެ ތަން ހިސާރުކޮށް، ރަހީނު ކޮށްފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކޮށްފައެވެ.

ދަ ވިލާ ރޯޒް ހޮޓަލަކީ ސޮމާލިޔާގެ ރިޔާސީ ގަނޑުވަރާ ވަރަށް ގާތުގައި ހުންނަ، ސަރުކާރު އޮފިޝަލުން އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބޭނުން ކުރާ ހޮޓަލެކެވެ. އަލް-ޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން އެ ތަނަށް ވަދެ، އެ ތަން ހިސާރު ކޮށްފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން، އެ ތަނުގައި ރަހީނުކޮށްފައިވާ މީހުން ސަލާމަތް ކުރުމަށް ސޮމާލިޔާގެ ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ.

21 ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމައިލާފައިވާ ކަމަށާއި، ނަމަވެސް ހަނގުރާމަވެރިންގެ ހަމަލާތަކުގައި ޢާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމުގައި ފުލުހުން ބުނެއެވެ. މަރުވެފައި ވަނީ މި ހާދިސާ ހިނގި ވަގުތު ހޮޓަލުގައި ދިރިއުޅެމުން ދިޔަ ޢާންމުންގެ މީހުންނެވެ. އެ ވަގުތު އެ ތަނުގައި ރަހީނޮށްފައި ތިބި ޢާންމުންގެ 60އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތް ކޮށްފައެވެ.

ސޮމާލިޔާގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ އަލް-ޝަބާބް ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ. އެ ޖަމާޢަތުން ދަ ވިލާ ރޯސް ހޮޓަލަށް ދީފައިވާ ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައި ވަނީ ރިޔާސީ ގަނޑުވަރަށް ކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

އަލް-ޝަބާބް ޖަމާޢަތާ ދެކޮޅަށް ސޮމާލިޔާ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި އެފްރިކަން ޔޫނިއަންގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފާއިތުވި ތިން ވަރަކަށް މަހުގެ ތެރޭގައި ސޮމާލިޔާގެ ސަރުކާރު ފައުޖުތަކުން ވަނީ އަލް-ޝަބާބްގެ މައްޗަށް ކުރިއެރުންތަކެއް ހޯދައި، އެ ޖަމާޢަތުން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައެވެ.

ނަމަވެސް، އެ ޖަމާޢަތުން ވެސް ދަނީ ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި މޮގަދިޝޫގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ މައި ޢިމާރާތުގެ ކައިރީގައި ދެ ކާރުބޮން ގޮއްވައިލައިގެން ދިން ހަމަލާއެއްގައި 120 މީހުން މަރުވިއެވެ. 2017ވަނަ އަހަރު ހަމަ އެ ސަރަޙައްދުގައި ދިން ހަމަލާއެއްގައި 500އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ.