ޚަބަރު

ޕާކިސްތާން ސަރުކާރާ ދެކޮޅަށް ތާލިބާނުން ހަނގުރާމަ އިޢުލާނުކޮށްފި


ޕާކިސްތާނުގައި ހަރަކާތެރިވާ ތާލިބާނުންނާއި ސަރުކާރާ ދެމެދު ހަދާފައިވާ ސުލްޙައިގެ އެއްބަސްވުން އުވައިލާ، ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ތާލިބާނުން ހަނގުރާމަ އިޢުލާނު ކޮށްފިއެވެ. ތާލިބާނުންގެ ހަމަލާތައް ހުއްޓައިލުމަށް އެ ޖަމާޢަތުން ޕާކިސްތާން ސަރުކާރާ އެކު އެއްބަސްވެފައި ވަނީ ޖޫން މަހުގެ ތެރޭގައެވެ.

ނަމަވެސް، އެ ޖަމާޢަތުން މިހާރު މި ވަނީ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައިވާ ކަން އިޢުލާނު ކޮށްފައެވެ. އަދި، ސަރުކާރާ ދެކޮޅަށް ހަމަލާ ދިނުމަށް އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް އިރުޝާދު ދީފައެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ މައި ޖަމާޢަތަކީ ތަޙްރީކުއްތާލިބާން (ޓީ.ޕީ.ޕީ)އެވެ.

އެ ޖަމާޢަތުން ޕާކިސްތާނުގައި ހަރަކާތްތެރިވާން ފަށާފައި ވަނީ 2007ވަނަ އަހަރުން ފެށިގެންނެވެ. އަދި، އޭގެ ފަހުން ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި އެތަކެއް ހާސް ބަޔަކު ވަނީ މަރައިލާފައެވެ. އަދި، އަދި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައެވެ.

ޓީ.ޕީ.ޕީ.އިން ޕާކިސްތާނުގެ ސަރުކާރާ އެކު ސްލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ، އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ތާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވުމަށް ފަހުއެވެ. އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުން ވަނީ ޓީ.ޕީ.ޕީ.އާއި ޕާކިސްތާން ސަރުކާރާ ދެމެދު ސުލްޙަކުރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އެ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ.

ސުލްޙައިގެ އެއްބަސްވުން އުވައިލަން ނިންމާފައި ވަނީ ޕާކިސްތާނުގެ ސަރުކާރުގެ އަމަލުތަކާ ގުޅިގެން ކަމުގައި ޓީ.ޕީ.ޕީ.އިން ބުނެއެވެ. އަދި، ސަރުކާރާއި އަސްކަރިއްޔާއިން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށާއި، ޓީ.ޕީ.ޕީ.އާ ދެކޮޅަށް ހަމަލާދެމުންދާ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް، އެ ޖަމާޢަތުން މި އަދާ ޖެހެންދެން ވެސް އެއްބަސްވުމަށް އިޙުތިރާމު ކޮށްފައިވާނެ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ.

މީގެ ދެ ހަފުތާއްހާ ދުވަސް ކުރިން ޕާކިސްތާނުގެ ހުޅަނގުއުތުރު ސަރަޙައްދެއްގައި ދިން ހަމަލާތަކެއްގެ ފަހަތުގައި ވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ. އެ ހަމަލާތަކުގައި ފުލުހުންގެ ހަ މީހަކު ވަނީ މަރައިލާފައެވެ. އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ޓީ.ޕީ.ޕީ.ގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ވެސް ދީފައެވެ.

ޓީ.ޕީ.ޕީ. އުފެދުމުގެ އަޑީގައި ތިބީ 90ގެ އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ހިނގި ހަނގުރާމައިގައި ބައިވެރިވި ޕާކިސްތާނުގެ ހަނގުރާމަވެރިންނެވެ. އަދި، އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ފެށި ހަނގުރާމައަށް ޕާކިސްތާނުގެ ސަރުކާރުން ތާޢީދު ކުރުމުން ތާލިބާނުގެ ހަނގުރާމަވެރިން ވަނީ އެ ކަމާ ދެކޮޅު ހަދައި، ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރާފައި ވަނީ 2001ވަނަ އަހަރުގެ ސެޕްޓެންބަރު 11ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެންނެވެ.