ޚަބަރު

އޭބީޔޫ ފެސްޓިވަލުގައި މިފަހަރު ރާއްޖެ ތަމްސީލުކުރީ ޝައްމު


އޭބީޔޫ ޓީވީ ސޯންގްސް ފެސްޓިވަލްއަކީ، އޭޝިއާ ޕެސިފިކް ބްރޮޑްކާސްޓިން ޔުނިއަންގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެސްޓިވަލްއެކެވެ. މި ފެސްޓިވަލްއަކީ އޭބީޔޫގެ މެންބަރު ޤައުމުތަކުން، ޒުވާން މިއުޒިކް ފަންނާނުންގެ ހުނަރު ދައްކާލުމަށް ބާއްވާ ފެސްޓިވަލެކެވެ.

އޭބީޔޫގެ މެންބަރެއްގެ ޙައިސިއްޔަތުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން އަންނަނީ މި ފެސްޓިވަލުގައި ދިވެހި ފަންނާނުންނަށް ފުރުޞަތު ހޯދައިދެމުންނެވެ. މިފަހަރުގެ ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވެފައި ވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މި ފެސްޓިވަލް އެކި އަހަރު އެކި ޤައުމުތަކުގައި ބާއްވަމުން އަންނައިރު، މިއަަހަރުގެ ފެސްޓިވަލް ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގައެވެ.

މި މިއަހަރުގެ އޭބީޔޫ ޓީވީ ސޯންގްސް ފެސްޓިވަލްގައި ރާއްޖޭގެ ތަމްސީލްކޮށްފައިވަނީ ރިސޯޓް މިއުޒިކްގެ ދާއިރާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝައްމޫން މުޙައްމަދު (ޝައްމު) އެވެ.

ޝައްމު އަކީ ޒުވާނުންގެ މެދުގައި މަޤުބޫލު އިކުއިޓިކް ވައިބްގެ، ލީޑް ލަވަކިޔުންތެރިއާގެ އިތުރުން ރިދަމް ގިޓަރިސްޓެއެވެ. ޝައްމު އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ހުށައަޅައިދީފައިވަނީ އެ ބޭންޑްގެ އަމިއްލަ އުފެއްދުމެއްކަމަށްވާ "މަގޭ ރާއްޖެ" މި ލަވައެވެ. މިއީ 2019 ވަނަ އަހަރުގެ އައިޓީބީ ފެއަރގައި ރިލީސްކޮށްފައިވާ ލަވައެކެވެ.

މި ލަވައިގައި ކިޔައިދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކައެވެ. އެގޮތުން ޖަޒީރާ ރާއްޖޭގެ ގޮނޑުދޮށްތަކާ ކަނޑުފަޅުގެ ރީތިކަމާއި ރާއްޖޭގެ ރަށްތަކުގެ ޗާލު ހަމަހިމޭންކަމުގެ ވާހަކަ ލަވައިން ބުނެދެއެވެ.

ޝައްމު ބުނެފައިވަނީ މިއީ ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށެވެ. އަދި އެކި ޤައުމުތަކުގެ މިއުޒިކް ފަންނާނުންނާ ބައްދަލުވެ، ތަޖުރިބާ ޙިއްސާކުރުމަށް ލިބުނު ފުރުޞަތެއްކަމަށެވެ.

މިއަހަރުގެ ފެސްޓިވަލްގައި 9 ޤައުމަކުން، މަޝްހޫރު ހުށައެޅުންތެރިން ބައިވެރިވިއެވެ. ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، އިންޑޮނޭޝިއާ، ޖަޕާން، ކަޒަކިސްތާން، ރިޕަބްލިކް އޮފް ކޮރެއާ، ތުރްކަމަނިސްތާނު، ތުރްކީ އަދި ވިއެޓްނާމުން ބައިވެރިވެފައިވެއެވެ.

އޭބީޔޫ ފެސްޓިވަލްގައި ރާއްޖެއިން އެންމެ ފަހުން ބައިވެރިވީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެ ތަމްސީލްކުރީ ލަވަކިޔުންތެރިިޔާ ޙަސަން އިރުފާން (ޒަކިއްޓެ)އެވެ.