ވިޔަފާރި

ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ އެވޯޑެއް ދިވެހި 2 ކަނބަލަކަށް


"އިންޓަނޭޝަނަލް ވިމެން އޮންޓުރަޕުރެނިއާސް ސަމިޓު 2022"ގައި ރާއްޖޭގެ 2 ކަނބަލަކަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.

މި އެވޯޑަކީ ވިޔަފާރިކުރާ އަންހެނުންނަށް ހިތްވަރުދީ އެމީހުންގެ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމަށް ދޭ އެވޯޑެކެވެ. މި އެވޯޑް ދެނީ ވުމެންސް އިންޑިއަން ޗެމްބާ އޮފް ކޮމާސް އެންޑު އިންޑަސްޓުރީން (ޑަބްލިއުއައިސީސީއައި) އިންނެވެ.

ބަންގްލަދޭޝްގެ ވެރި ރަށް، ޑާކާގައި މި މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ މި ސަމިޓުގައި އެވޯޑް ލިބިފައިވަނީ "އޯގާ"ގެ ބާނީ، އަޒްލީނާ އަމީން އާއި "ދަ ގިފްޓު ބާސްކެޓު މޯލްޑިވްސް"ގެ ބާނީ، ޔުމްނާ ރަޝީދަށެވެ.

މި ސަމިޓްގައި އަޒްލީނާއަށް ލިބިފައިވަނީ ވިޔަފާރީގެ ދައިރާގައި އެންމެ އުހުގައި ފިޔަޖަހައި އެހެން މީހުންނަށް ނަމޫނާ ދައްކާ ފަރާތްތަކަށް ހާއްސަކޮށް ދޭ "އެކްސެޕްޝަނަލް ވުމެން އޮފް އެކްސެލެންސް" އެވޯޑްއެވެ. އަދި ޔުމްނާއަށް ލިބިފައިވަނީ ރިސާޗާއި ޑިޒައިން އަދި އުފެއްދުންތެރިކަމާއި ފަންނިއްޔާތުގެ ރޮނގުން ނަމޫނާ ދައްކާ ކަނބަލުންނަށް ދޭ "ޔަންގު އިނޮވޭޓާސް ކުރިއޭޓިން އަ ބެޓާ ވޯލްޑު ފޯ އޯލް" އެވޯޑެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން "ދަ ގިފްޓު ބާސްކެޓު މޯލްޑިވްސް" ގެ ބާނީ ޔުމްނާ ވިދާޅުވީ، މިއީ އޭނާގެ ވިޔަފާރީގެ މި ދަތުރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމީޔާބީކަމަށެވެ.

"އަޅުގަނޑަކީ އިންސޮމްނިއާ ވަރަށް ބޮޑަށް ހުންނަ މީހެއް. ނުނިދުމުގެ ތެރެއިން މަސައްކަތް ފަށައިގެން ދަންވަރު ކުރަން ފެށި މަސައްކަތެއް މިއީ، ނުނިދުމުގެ ތެރެއިން ތެރަޕީއަކަށް. ދެން އެކަންތައްތައް އަޅުގަނޑަށް މި ކާމިޔާބު ކުރެވުނީ. ވިޔަފާރިއެއްގެ ގޮތައް މީތި އަޅުގަނޑަށް ވަރަށް ބޮޑަށް ފުޅާކުރެވިއްޖެ." ޔުމްނާ ވިދާޅުވިއެވެ.

"ދަ ގިފްޓު ބާސްކެޓު މޯލްޑިވްސް" އިން އަންނަނީ ކުޑަކުދިންގެ ކުޅޭ ސާމާނާއި އެނޫންވެސް ބައެއް ސާމާނު، ތުއްތުކުދިން އެންމެ ބޭނުންވާނެ ގޮތަށް ހާއްސަކޮށް އުފައްދައިދެމުންނެވެ. އޭނާގެ ކާމިޔާބީގެ ސިއްރެއްގެ ގޮތުގައި ޔުމްނާ ފާހަގަކުރަނީ ކަސްޓަމަރުން އޭނާއަށް ކުރި އިތުބާރާއި ޔަޤީންކަމެވެ. ކޮންމެ އޯޑަރެއްގެ ތައަޔާރުކުރަނީ ވަރަށް ބަލައިގެން ރީތިކޮށްކަމަށް އޭނާ ބުނެއެވެ.

2018 ވަނަ އަހަރު ފެށި މި މަސައްކަތް ފުޅާކޮށް މި ހިސާބަށް އައުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މަސައްކަތް ޔުމްނާ ވަނީ ފާހަގަކޮށްފައެވެ.

2019 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ފެއްޓި ބީސީސީއަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާކެޓް އެކްސަސް ހޯދަދީ އާންމުންގެ މެދުގައި މާލީ އަދި އިޤްތިޞާދީ ހޭލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރާ އިކޮނޮމިކް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ކުންފުންޏެކެވެ.

"ބީސީސީ ރާއްޖޭގައި ނެތްނަމަ އަޅުގަނޑުމެން ފަދަ ވިޔަފާރިކުރާ މީހުންނަށް ވަރަށް ފުރުސަތު ކުޑަވީސް. ބީސީސީއަކީ އަސްލު ހަޤީގަތުގައި އަޅުގަނޑުމެންނަށް (ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންނަށް) ލެއްވި ވަރަށް ބޮޑު ނަސީބެއް. އެމީހުން އަހަރެމެންނަށް ވަރަށް ގިނަ ކަންކަން އެބަކޮށްދޭ. ބީސީސީއަކީ މި ސަރުކާރުން ވިޔަފާރިވެރިންނަށް ކޮށްދިން އެންމެ ރަނގަޅު އެއް ކަންތައް." ޔުމްނާ ބުންޏެވެ.

އެވޯޑް ދެން ލިބުނު "އޯގާ"އަކީ އެ ބުރޭންޑުގެ ދަށުން ތަފާތު ވައްތަރުގެ ސައިބޯންޏާއި ބާމުގެ އިތުރުން އުއްބައްތި ފަދަ ތަކެތި އުފައްދާ ވިޔަފާރިއެކެވެ. މިއީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލު ބްރޭންޑެކެވެ.

އެވޯޑް ލިބުނު 2 ވިޔަފާރިކަމަށްވާ "އޯގާ" އަދި "ދަ ގިފްޓު ބާސްކެޓު މޯލްޑިވްސް"ގެ އުފެއްދުންތައްވެސް ބީސީސީގެ "އޮތެންޓިކް މޯލްޑިވްސް" ގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.