ޚަބަރު

މާފަރު އެއަރޕޯޓުގެ ފިއުލް ފާމުން ޖެނުއަރީމަހު ޚިދުމަތްދޭން ފެށޭނެ: އައިލެންޑް އޭވިއޭޝަން


މާފަރު އިންޓަރނޭޝަން އެއަރޕޯޓުގައި ތަރައްޤީކުރާ ވަގުތީ ފިއުލް ފާމުން އަންނަ ޖެނުއަރީމަހުގެތެރޭ ޚިދުމަތްދޭން ފެށޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުންދަނީ އެ އެއަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މާފަރު އެއަރޕޯޓުގައި ތަރައްޤީކުރާ ވަގުތީ ފިއުލް ފާމަކީ 400000 ލީޓަރުގެ ތެޔޮ ރައްކާކުރުމުގެ ގާބިލްކަން ހުރި ތަނެއް ކަމަށެވެ. މިހާރު މިކަމަށް ބޭނުންވާ ޓޭންކުތައްވެސް މާފަރަށް ގެންގޮސްފައިވާކަން މުމްތާޒް ފާހަގަކުރެއްވިއެވެ.

މުމްތާޒް ވިދާޅުވީ މާފަރު އެއަރޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސާ އެއަރޕޯޓަކަށްވުމުން، އެ އެއަރޕޯޓުން ތެޔޮ ނުލިބޭތީ އެޝަކުވާ ޖެޓު އޮޕަރޭޓަރުންގެ ފަރާތުން ލިބޭ ކަމަށެވެ. އަދި ވަގުތީ ފިއުލް ފާމާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް މުމްތާޒް ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް އައިލެންޑު އޭވިއޭޝަނުން ގެންގުޅޭ ޕްލޭންގެ ދަށުން އެ އެއަރޕޯޓުގައި ސައިޒުގެ ގޮތުން މިއަށްވުރެ ބޮޑު ފިއުލް ފާމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއަރބަސް އޭ-320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަނޭޝަނަލް އެއަޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައިވަނީ މާފަރު އެއަރޕޯޓުގައެވެ.

މާފަރު އެއަޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއަޕޯޓެކެވެ.