ޚަބަރު

ލަންދޫ ހެރިޓޭޖް ސައިޓާއެކު އެރަށް ޘަޤާފީ ފަތުރުވެރިކަމާއި ދިމާލަށް


ނ.ލަންދޫގައި ތަރައްޤީކުރާ ހެރިޓޭޖް ސައިޓުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން، މިމަސައްކަތް ހަވާލުކޮށްފައިވަނީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންއާއެވެ.

ރާއްޖޭގެ ތާރީޚާއި ސަގާފަތް ދިރުވާ އާލާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނ.ލަންދޫގައި ހުރި އިހުގެ މާބުދު ހިމެނޭ ސަރަޙައްދު ހެރިޓޭޖް ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން "ލަންދޫ މާބަދިގެ" ނަމުގައި މިސަރަޙައްދު ތަރައްޤީކުރުމަށް ގެދޮރު ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ އޯގަސްޓުމަހުގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށެވެ. ހަތަރު މިލިއަން ނުވަލައްކައަށްވުރެ ގިނަ ރުފިޔާއަށް ހަވާލުކޮށްފައިވާ މިމަސައްކަތުގެ ދަށުން އެތަނުގައި ރިސެޕްޝަން އޮފީހަކާއި، ސުވެނިއަރ އަދި ކެފޭއެއްގެ އިތުރުން އެގްޒިބިޝަންތައް ބޭއްވޭނެހެން ހޯލެއް ޤާއިމުކޮށް މުޅި ސަރަޙައްދު ބަލާލެވޭނެހެން ވިއުންގް ޕްލެޓްފޯމެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އިސްވެރިޔާ، މުޙައްމަދު ޠާރިޤްއެވެ. ގެދޮރު ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ފްރޮޖެކްޓް މެނޭޖަރ ޙުސެއިން ޝާހުއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤްވަނީ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާގޮތް ހިއްސާކުރައްވާފައެވެ.


"ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ހަވާލުކުރެވުނީ. ދެވަނަ ފިޔަވަހީގެ ދަށުން، ލަންދޫ މާބަދިގެ އެސަރަޙައްދަށް މީހުން އައިސްގޮސް ހަދާއިރުގައި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ހަދާއިރު ލޭންޑް ސްކޭޕް ރީތިކޮށް ހެދުމާއި، އެތަނަށް ޒިޔާރަތްކުރާ މީހުންގެ ފަސޭހައަކަށް އިށީންދެލާނެ ތަންތަނާއި ފާޚާނާގެ ނިޒާމުތަކާއި އެތަނުގެ ކުނި ނައްތާލުމުގެ ކަންކަން ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާނީ." ޠާރިޤް ވިދާޅުވިއެވެ.

މިމަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓްގެ ދަށުން ނ.ލަންދޫ މާބުދުގެ ސަރަޙައްދުގައި ސައިޓު މިއުޒިއަމެއް ތަރައްޤީކޮށް ސަގާފީ ފަތުރުވެރިކަމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުގެ ގްރާންޓްގެ ދަށުން 5 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ލަންދޫ މާބަދިގެ ސަރަޙައްދު ތަރައްޤީކުރުމާއި ތ.ދިޔަމިގިލީ ގަނޑުވަރު ތަރައްޤީކުރުން ކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.

އެގޮތުން ދިޔަމިގިލީގައި ހުރި ގަނޑުވަރުގެ އާބާތުރަ ފިލުވާ އެތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެކަމަށާއި މިހާރު ކުރިއަށްދަނީ އެތަނުގެ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.