ޚަބަރު

އާއިލީ ގުޅުމަށް ހުރި ހުރަސްތައް ނައްތާލަން މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ: ނައިބުރައީސް


އާއިލީ ގުޅުމާއި ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މުހިންމު ބަދަލުތަކެއް ގެނެވިއްޖެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބުރައީސް މިހެން ވިދާޅުވީ، ޖެންޑަރ މިނިސްޓްރީގެ ގެވެށި ގުޅުން ކެމްޕެއިންގެ މުހިންމު ކަންތައްތަކެއް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައިި ނައިބު ރައީސް ފައިސަލް ނަސީމްވަނީ، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ނެރޭ ތުއްތުކުދިންގެ ވާހަކަ ސީރީޒް ނެރެދެއްވާފައެވެ. މިއީ ގެވެށިގުޅުމާއި، މުޖުތަމަޢުގެ ރިވެތި އަޚްލާޤު އުނގަންނައިދިނުމަށް ކުދިންގެ އުމުރާ ގުޅޭ ވާހަކަތަކެއް ހިމެނޭ، 6 ވާހަކަފޮތުގެ ސީރީޒްއެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގެވެށި ގުޅުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމަޢުގައި އަބަދުވެސް އޮތް މައްސަލައެއްކަމަށެވެ. އަދި ރަނގަޅު ކުއްޖެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ބޮޑު ހުރަހަކަށް، ކުއްޖާގެ އާއިލީ ވެށި ވަމުންދާތަން ފެންނަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ފެށިގެން އަންނަނީ އެކުއްޖާ ދިރިއުޅޭ ގޭގެތެރެއިން، މައިންބަފައިންގެ ކިބައިންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޅަ އުމުރަކީ ކުދިން ކަންކަން ސިކުނޑިއަށް ނަގައިގަނެ ދަސްކުރާ އުމުރުފުރާއަށްވުމާއެކު، އެ އުމުރުގައި އެކުދިން ދިރިއުޅޭ މާޙައުލުން ފެންނަ މަންޒަރު، ކުއްޖާގެ މުޅި ދިރިއުޅުން ބައްޓަންކުރާ ކަމަކަށް ވާކަމަށްވެސް ވިދާޅުވިއެވެ.

މަންމަޔާ ބައްޕަގެ ގުޅުން ރަނގަޅު މާޙުލެއްގައި އެ ރީތި އާދަތައް ކުދިން ނަގައިގަންނަކަމަށާއި އަދި ނުރަނގަޅު ޢަމަލުތަކެއް ފެންނަ މާޙައުލެއްގައި ދިރިއުޅޭ ކުއްޖެއްނަމަ، އެފަދަ މާޙައުލުން ފެންނަ ނުރަނގަޅު ސިފަތައްވެސް ކުދިން ނަގައިގަންނަކަމަށެވެ. މިއީ ކުދިންނަށް ނަފްސާނީ އަސަރުކޮށް، އެފަދަ ނުރަނގަޅު ޢަމަލުތަކަށްވެސް ހުށައެޅޭނެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ފަށާފައިވާ ގެވެށި ގުޅުން ކެމްޕެއިންގެ އެންމެ ބޮޑު މަޤުޞަދަކަށްވަނީ، އާއިލީ ގުޅުމުގެ ތެރެއިން ހެޔޮލަފާ ތަރުބިއްޔަތާއެކު އަންނަން އޮތް ޖީލު ތައްޔާރުކުރުމެވެ.

ނައިބު ރައީސް ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއްކަމަށް ނުދެކި، މިއީ މުޅި މުޖުތަމަޢު އެކަމުގައި ޝާމިލުވާ ކަމެއްގެ ގޮތުގައި ވިސްނުން ބަދަލުކުރަންޖެހޭކަމަށެވެ.

"ތިމާގެ ކޮންމެ ޢަމަލަކީ ޒިންމާއެއް. އަނެކާގެ ދަރިއަށްވެސް ގެއްލުމެއް ވެދާނެކަމަށް ސަމާލްވާންޖެހޭ. މަގުމަތީ އެއްލާލާފައި އޮންނަ ފުޅިއެއް ނެގުން، މަގުމަތީީ މައިން ދަރިން ގޮވައިގެން އުޅޭއިރު ހަޑިހުތުރު ބަސްތަކާ ޢަމަލުތަކުން ދުރުވުމަކީވެސް ޒިންމާ އަދާކުރަންޖެހޭ ކަންކަން." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ގެވެށި ގުޅުމުގެތެރެއިން ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުންވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިކަމާ ގުޅޭ ޤާނޫނުތަކަށް ހެޔޮ ބަދަލުތައް ގެނައުމާއި، ވިހެއުމާއި ގުޅިގެން މައިންނަށް ދޭ ޗުއްޓީ 6މަހަށް އިތުރުކޮށް، ބައްޕައިންގެ ޗުއްޓީއަށް މަސް ދުވަސް ދޭން ނިންމުމަކީވެސް މީގެ ވަރަށް މުހިންމު ބައެއްކަމަށެވެ. އަދި ވަޒީފާގެ މާޙައުލުގައި ޗައިލްޑް ކެއަރގެ ޚިދުމަތް ދިނުމަކީވެސް ފެށި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ތަރައްޤީކުރާ ކޮންމެ ސްކޫލެއްގައިވެސް ޗައިލް ކެއަރ ސްޕޭސް ހެދުމަށްވަނީ ނިންމާފައި. އަދި ފެމިލީ ލައުންޖްތައްވެސް ހަދާނަން." ނައިބު ރައީސް ވިދާޅުވިއެވެ.

ގެވެށި ގުޅުން ކެމްޕެއިނަކީ، ޖެންޑާ މިނިސްޓްރީން 2020ވަނަ އަހަރު ޖުލައި މަހު ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެތެރެއިން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.