ޚަބަރު

މަޖިލީހުގެ %53 މަސައްކަތް ނިންމައި މެމްބަރުން ބޮޑު ޗުއްޓީއަށް


ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ މިއަހަރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފިއެވެ. މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މަޖިލީހުގެ މިދައުރުގައި މުހިންމު މަސައްކަތްތަކެއް ނިންމުމަށްފަހުއެވެ.

މަޖިލީހުގެ މިއަހަރުގެ މަސައްކަތްތަކުގެ ތެރެއިން ފަހު ދައުރުގައި މެމްބަރުން ވަނީ 43 ޖަލްސާއެއް ބާއްވައި 152 ގަޑިއިރު މަޖިލީހުގައި ހޭދަކުރައްވާފައެވެ. މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައިވެސް ވަނީ ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތަޅުމުގައާއި ކޮމެޓީތަކުގައި ކުރައްވާފައެވެ.

މަޖިލީހުން މިދައުރުގައި ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ އަންނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓް ފާސްކުރުމެވެ. މަޖިލީހުން އަންނަ އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް ގެނައި ބޮޑު ބަދަލާއި، މަސްވެރިންގެ ޤާނޫނަށް ގެންނަން ފާސް ކުރި އިސްލާހުތަކަކީ މިއަދުރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތްތަކުގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ބަޖެޓުގެ އިތުރުން މަޖިލީހުން ވަނީ މުހިންމު ނިންމުންތަކެއްވެސް މިދައުރުގައި ނިންމާފައެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަޅި އިސްލާހުވެސް ވަނީ ފާސްކޮށްފައެވެ. އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަކުރުމަށް އަހަރަކު އެއްފަހަރު އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށްވެސް މިދައުރުގައި ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގައި ކުރެވުނު މަސައްކަތްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މިދައުރުގެ 43 ޖަލްސާގައި 152 ގަޑިއިރާއި 11 މިނެޓު ހޭދަކޮށްފައިވާ ކަމަށެވެ. މިއަހަރުގެ ފަހު ދައުރުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ކޮމެޓީތަކުން މަސައްކަތް ކުރި 42 ބިލުގެ ތެރެއިން 25 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 17 ޤަރާރުގެ ތެރެއިން 6 ޤަރާރެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި 11 މައްސަލައިގެ ތެރެއިން 10 މައްސަލަ ވަނީ ނިންމާފައެވެ. ރިޔާސަތުން ހުށަހެޅި 6 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމާފައިވާއިރު ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅުނު 9 މައްސަލަވެސް މަޖިލީހުގެ ފަހު ދައުރުގައި ވަނީ ނިންމާފައެވެ. މެމްބަރުން ހުށަހެޅި 8 މައްސަލައިގެ ތެރެއިން 3 މައްސަލަ ނިމިފައިވާއިރު އެހެނިހެން މައްސަލަތަކާއި ގުޅޭ 10 ރިޕޯޓުގެ ތެރެއިން 5 ރިޕޯޓެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

ވަޒީރުން ޖަވާބު ދާރީ ކުރުމަށް ކުރެވޭ މަސައްކަތުގައި ހުށަހެޅުނު 89 ސުވާލުގެ ތެރެއިން 43 ސުވާލެއްގެ މަސައްކަތްވެސް މަޖިލީހުން ވަނީ ނިންމާފައެވެ. މިއަހަރުގެ ފަހު ދައުރުގައި މަޖިލީހުން ވަނީ 54.7 އިންސައްތަ މަސައްކަތް ނިންމާފައެވެ. ފަހު ދައުރުގައި މަޖިލީހުގައި ނުނިމި 45.3 އިންސައްތަ މަސައްކަތް ވެއެވެ.

މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާ ޗުއްޓީއަށް ގޮސްފައިވާއިރު، ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަޖިލިސް އަންނަ އަހަރަށް ހުޅުވާނީ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނުންނެވެ.