ވިޔަފާރި

ފްލައިދުބާއީއާއެކު ގަމާއި ކޫއްޑޫއަށް މޯލްޑިވިއަންގެ ކަނެކްޝަން ފްލައިޓްތަކެއް

އަންނަ ފެބްރުއަރީ މަހުން ފެށިގެން މޯލްޑިވިއަންއިން ގަމުން، ކޫއްޑޫއަށް ކަނެކްޝަން ފްލައިޓްތަކެއް އެޅުމަށް ނިންމައިފިއެވެ. މި ފްލައިޓްތައް އަޅަނީ ފްލައިދުބާއީއިން އަންނަ އަހަރު ގަމަށް ދަތުރުތައް ފަށާތީއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފަރ ވިދާޅުވީ، އަންނަ ފެބްރުއަރީ މަހު ފްލައި ދުބާއީއިން އައްޑޫއަށް ދަތުރުފަށާއިރު ގަމުން ކޫއްޑޫއަށް ކަނެކްޝަން ފްލައިޓް ދިނުމަށް މޯލްޑިވިއަނުން ނިންމާފައިވާކަމަށެވެ. މި ދަތުރުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފްލައި ދުބާއީއިން އައްޑޫއަށް އަންނަ ފަތުރުވެރިންނަށް އެތަނުގައި މަޑުކުރަން ނުޖެހި އަވަހަށް އެމީހުން ދާންބޭނުންވާ މަންޒިލަށް ދެވޭނެ މަގު ފަހިކޮށްދިނުންކަމަށް ޖެނިފަރ ވިދާޅުވިއެވެ.

މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 4 ގައިކަމަށް މޯލްޑިވިއަނުން ބުނެއެވެ. ފްލައިދުބާއީ އިން އައްޑޫ ސިޓީއަށް ފަށާ ދަތުރުތަކާއެކު ދުނިޔޭގެ 250 ޤައުމަކާއި އައްޑޫ ގުޅާލަދޭނެކަމަށް ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓު އިނަރ މޯލްޑިވްސްއިން މީގެކުރިން ވަނީ ބުނެފައެވެ.

ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން ދަނީ އަންނަ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުގެ ސީދާ ދަތުރުތައް އައްޑުއަށް ފެށުމަށް ތައްޔާރުވަމުންނެވެ. ފްލައި ދުބާއީން އައްޑޫއަށް ދަތުރުތައް ފެށުމާއެކު، ދުވާލަކު އެއްފަހަރު ދުބާއީން ރާއްޖެއަށް ދަތުރުކުރާނެއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން، ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.