ވިޔަފާރި

ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގައި އިމާރާތްކުރެވޭ އުސްމިނަށް ބަދަލުތަކެއް

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި އިމާރާތްކުރުމުގެ އުސްމިނަށް ބަދަލުގެނެސްފިއެވެ. މިޒޯންގައި ކުރިން 6 ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވާއިރު މިހާރު އިތުރު 2 ފްލޯ އިތުރުކުރުމަށްފަހު އިންޑަސްޓްރިއަލް ޒޯންގައި 8 ފްލޯއަށް އިމާރާތްކުރެވޭ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

އެޗްޑީސީން ބުނީ އިންޑަސްޓްރިއަލް ޒޯންގައި އިމާރާތްކުރުމުގެ އުސްމިނަށް ބަދަލުގެނައީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށްކަމަށެވެ.

މި ބަދަލު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ. އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުމެވެ.

މި ބަދަލާއި އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޚިދުމަތް ހޯދާއި ޚިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ. އެޗްޑީސީން ގެންދަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތައްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން ބިމުގެ %17 ޚާއްސަކުރަނީ ވިޔަފާރިއާ ސިނާޢީ މަސައްކަތްތަކަށެވެ. ވިޔަފާރީގެ މަސައްކަތްތަކަށް ދޫކުރާ ބިންތަކާއެކު ހުޅުމާލޭގަ 90،000އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރުމަށް ކަނޑައަޅާ ބިމުގެ %50ޚާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމަށް ކަނޑައަޅާ ބިމަށެވެ. މި އާބާދީއަށް ބޭނުންވާ ސްކޫލް، މިސްކިތް، ހޮސްޕިޓަލް، ޕާކު، ކުޅިވަރު އޭރިއާ އަދި އޮފީސް ޢިމާރާތްތައް ހެދުމަށް، ހުޅުމާލޭގައި ޢިމާރާތްކުރުމަށް ޚާއްސްކޮށްފަވާ ބިމުގެ %33ވަނީ ކަނޑައަޅާފައެވެ.