ކުޅިވަރު

ކެސެމީރޯގެ ލަނޑުން ސްވިޓްޒަލަންޑް ބަލިކޮށް ބްރެޒިލް ދެވަނަ ބުރަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ދެވަނަ މެޗުގައި ސްވިޓްޒަލަންޑް ބަލިކޮށް ބްރެޒިލް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި ސާބިއާގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން މި މެޗުން މޮޅުވެ، ސްވިޓްޒަލަންޑަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތެވެ. އެއީ އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ކެމަރޫންގެ މައްޗަށް 1-0 ކުރިހޯދާފައެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ބްރެޒިލުން ކޮންޓްރޯލްކޮށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ރިޗާލިސަން، ވިނީޝިއަސް ޖޫނިއާ އަދި، ރަފީނިއާއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފުގައި ބްރެޒިލުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ސްވިޓްޒަލަންޑްގެ ޑިފެންޑަރުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ބްރެޒިލުން ފުލުފުލުގައި ސްވިޓްޒަލަންޑްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 66 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ ލަނޑު ޖަހާފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސަމީރޯއެވެ.

މި މޮޅާއެކު ބްރެޒިލުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސްވިޓްޒަލަންޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ކެމަރޫން އާއި ސާބިއާއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.