ޚަބަރު

ކެމެރޫންގައި ބިންގަނޑު ކަނޑައިގެން ގޮސް 14 މީހުން މަރުވެއްޖެ


ކެމެރޫންގެ ވެރިރަށް ޔައޫންޑޭއަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން 14 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި ކިސަޑުތަކުގެ ދަށުގެ ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމުގައި ޔައުންޑޭގެ އޮފިޝަލުން ބުނެއެވެ. އެ މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޔައޫންޑޭ ހިމެނޭ ކެމެރޫންގެ މެދުތެރޭ ސަރަޙައްދުގެ ގަވަރުނަރު ނަޞީރީ ޕޯލް ބީއާ ވިދާޅުވީ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގާފައި ވަނީ ޖަނާޒާއެއް ކުރިއަށް ދިޔަ ވަގުތު، ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައިވާ ސަރަޙައްދެއްގައި ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ ޔައޫންޑޭގެ ރަށްބޭރުގައި އޮންނަ ޑަމާސް ކިޔާ ރަށެއްގައެވެ.

"ކިސަޑުތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް މި ދަނީ މަސައްކަތް ކުރަމުން. އަދި، މިހާތަނަށް ފެނިފައިވާ މީހުންގެ ހަށިތައް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް،" ނަޞީރީ ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައި ވަނީ ފުޓުބޯޅަ ދަނޑެއް ކައިރީގައެވެ. ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ އެ ތަނާ އިންވެގެން އޮންނަ އުސް ބިމެއްގެއެވެ.

ޔައޫންޑޭއަކީ އެފްރިކާ ބައްރުގައި އޮންނަ އެންމެ ގިނައިން ވާރޭވެހޭ އެއް ސަރަޙައްދެވެ. މި އަހަރުގެ ތެރޭގައި ޔައޫންޑޭގައި ފެންބޮޑުވުމުގެ އެތަކެއް ހާދިސާއެއް ހިނގާފައިވެއެވެ. ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ޔައޫންޑޭގައި އޮންނަ އުސް ބިންތަކުގެ ވެލިގަނޑު ދޫވެފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ. އަދި، ޢިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.